ރިޕޯޓް

ޒިހްނަތު- ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ "ޚާއްޞަ ބެލެނިވެރިއާ"


ޕީއެސްއެމްގެ ޚިދުމަތްތެރި މުވައްޒަފެއް ކަމަށްވާ ޒިހުނަތު ޙަސަންއަށް، ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދެއްވުމުގެ ރޮނގުން އެވޯޑް ލިބިވަޑައިގެންފިއެވެ. ޒިހްނަތަކީ، ޕީއެސްއެމް ނިވްސް ޓީމްގެ މުހިންމު ބައިވެރިއެކެވެ. 

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ނިއުސްރޫމްގައި އެޑިޓަރެއްގެ މަޤާމް ފުރަމުން ގެންދަވާ ސ.ހިތަދޫ ޓައިމާގެ، ޒިހްނަތު ޙަސަނަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެދެއްވުމުގައި ނަމޫނާ ބޭފުޅެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢާއިލާތަކާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޒިހްނަތު ބަލައިގެންފައިވަނީ ޚާއްޞަ ބެލެނިވެރިޔާގެ ގޮތުގައެވެ.

img:http://s1.psmnews.mv/images/660x400/14747948338300.JPG|ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެވޯޑް ހާސިލްކުރި، ޒިހުނަތު ހަސަން- ފޮޓޯ: އަލީ ނަސީރު، ޕީއެސްއެމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިހްނަތު ސީދާ ގޮތެއްގައި އެހީތެރިވެދެއްވަން ފެއްޓެވީ، 2002 ވަނަ އަހަރު އޭނާގެ ދޮށީ ދަރިފުޅަށް ބޭސްފަރުވާކުރަން އިންޑިއާގައި އުޅުއްވި ދުވަސްވަރުއެވެ. އޭރު، ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެންގުޅޭ ބައެއް ޢާއިލާތަކާއި އިންޑިއާއިން ބައްދަލުވެ، އެމީހުންނަށް އިންޑިއާއިން ފަރުވާ ހޯދުމަށާއި އަދި ބޭނުންވާ އެހެނިހެން މާލީ ފުދުންތެރިކަން ހޯދައިދިނުމަށް، އެފަދަ ކުދިން ގެންގުޅޭ ޢާއިލާތަކަށް އެހީތެރިކަންފޯރުކޮށްދެއްވަމުން ގެންދެވިއެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ފްރޮންޓްލައިނަށް ނިކުމެ، ފާޅުގައި ޙަރަކާތްތައް ކުރިޔަށް ގެންދަވަން ފެއްޓެވި ޒިހްނަތު ވިދާޅުވިގޮތުގައި، އޭރު ފާޅުގައި ނިކުންނަވަން ޖެހިވަޑައިގަތީ، އޯޓިޒަމް ހުންނަ ކުދިންނަށް، ރައްޖޭގައި ދެވޭނޭ އެކަށީގެން ފަރުވާއެއް ނެތުމާއި، ޢާއްމުންނާއި ޚިދްމަތްދޭ ބައެއް ދާއިރާތަކުގެ މީހުން އޯޓިޒަމަށް ހޭލުންތެރިވެފައި ނުވާތީއެވެ. އެހެންކަމުން އެންމެ ފުރަތަމަ "މޯލްޑިވްސް އޯޓިޒަމް ނެޓްވޯކް" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި، އެ ޕޭޖް މެދުވެރިކޮށް ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް އޭނާ ފެއްޓެވިއެވެ.

img:http://s4.psmnews.mv/images/660x400/14748817938448.jpg|

އެއަށްފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކުގައި ފަންނީ ގޮތުންނާއި ބެލެނިވެރިއެއްގެ ޙައިޞިއްޔަތުންނާއި، ދަރުމަވެރިއެއްގެ ޙައިޞިއްޔަތުން އަދިވެސް ޒިހްނަތު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ޚަބަރުތައް ހެއްދެވުމާއި، ރިޕޯޓްކުރެއްވުމުގައިވެސް ޒިހްނަތުގެ ޝައުޤުވެރިކަން އެހެން ދާއިރާތަކަށްވުރެ ބޮޑަށް އިޖުތިމާޢީ ކަންކަމަށް މީހުން ހޭލުންތެރިކުރެއްވުމުގެ ދާއިރާއަށް ޝައުޤުވެރިކަން ބޮޑެވެ.

މިއަދު ލިބުނު އެވޯޑާ ބެހޭގޮތުން ޒިހްނަތު ވިދާޅުވީ، ވަޒީފާގައި ބުރަކޮށް އުޅުއްވަމުން އިޖްތިމާޢީ މިފަދަ މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން މުހިއްމު ކަމަށެވެ. އަދި މިފަދަ އެވޯޑެއްގެ ސަބަބުން އޭނާ ކުރައްވާ މަސައްކަތް މުޖްތަމަޢުން ބަލައިގެންފައިވާ މިންވަރު ދައްކުވައިދީފިކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14748818194169.jpg|

އަމިއްލަ ޢާއިލާއެއް ބަލަހައްޓަމުންވެސް، ޕީއެސްއެމްގެ ނިއުސް ޑިޕާޓްމަންޓުގައި ބުރަކޮށް އުޅެމުން، މިފަދަ އިޖުތިމާޢީ ކަންކަމަށް ވަގުތު ހުސްކުރައްވާ ގޮތް ޒިހްނަތު ބަޔާންކޮށްދެއްވިއެވެ. 

" އަޞްލު ޙަޤީގަތުގައި ނޫސްވެރިންނަކީ ވަރަށް ބުރަކޮށް އުޅޭބައެއް. އެހެންނަމަވެސް މިކަމަށް ވަގުތު ހުސްކުރަނީ ހުންނަ ޝައުޤެއްގެ ބޮޑުކަމުން. މަސައްކަތްތައް ރާވަނީ ރަސްމީ ޑިއުޓީއާއި ދިމާ ނުވާގޮތައް. އަދި ރަށުން ބޭރުގައި ޙަރަކާތްތަައް ބާއްވަނީ ހަފްތާ ބަންދު ނުވަތަ ސްކޫލް ޗުއްޓީއާއި ދިމާކޮށް. އެހެންނަމަވެސް ،ނުކުޅެދުން ހުންނަ ކުދިންނަށް ޚިދްމަތްދޭ އެން.ޖީ.އޯތަކުން ގޮވާލާ ކޮންމެ ހިދެއްގައި އެ ބުނާ ގަޑިއެއް ހުސްކޮށްލަން. އަޞްލު އަޅުގަނޑު ނޫނަސް ފަރުދީ ގޮތުންނާއި ދަރުމަވެރިންގެ ގޮތުގައި ގިނަ ބަޔަކު ޙަރަކާތްތެރިވޭ. އެއެކުވެރިންގެ މަސައްކަތް ބަލައިގަނެ ހިތްވަރުދޭން ޖެހޭ." ޒިހްނަތު ވިދާޅުވިއެވެ.

އަދިވެސް މިކަމުގައި ހުއްޓުމެއް ނެތި ކުރިއަށް ވަޑައިގަތުމުގެ ޢަޒުމުގައި ހުރި ޒިހުނަތު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ޢާއިލާގެ އެއްބާރުލުން ކަމުގައެވެ. އަދި މިހާރު ރާއްޖެއިން ލިބެން ނެތް ޚިދުމަތްތައް ލިބިގެންދިޔުން އެދިވަޑައިގަންނަވާކަން ޒިހުނަތު ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14748818069201.jpg|

"ހަޤީގަތައް ބުނާނަމަ، އަޅުގަނޑުމެންނަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތް ކުރެވިދާނެ. މުޖުތަމަޢު މިހާރު ހޭލުންތެރި، އެއްބާރުލުން ލިބޭ. ސަރުކާރުގެ ނިޒާމްގެ ތެރެއިން އެބަ ގިނަ ކަންކަން ފަހިކޮށްދޭ. އެހެންނަމަވެސް މި ކުދިންނަށާއި،ޢާއިލާތަކަށް ބޭނުންވަނީ ޢާއިލާގެ އެހީތެރިކަމާއި އަޅާލުން. ނުކުލެދުންތެރިކަން ހުންނަ ކުދިން ގެންގުޅޭ ގިނަ ޢާއިލާތަކަކީ ވަރަށް އެކަހެރި ދިރިއުޅުމެއް އުޅޭ ބައެއް. އަޅުގަނޑު މިފަދަ ޢާއިލާތަކާއެކު މަސައްކަތްކުރާއިރު، މިފަދަ ވަރަށް ހިތްދަތި މަންޒަރު ފެނޭ. ގިނަ ފަހަރަށް އާއިލާގެ އެހީތެރިކަން ނުލިބި ވަރަށް މާޔޫސް ދިރިއުޅުމެއް އުޅޭތަަން މިފެންނަނީ. އެހެންކަމުން މިފަދަ ކުދިންނާއި ކުދިން ގެންގުޅޭ މައިންބަފައިންނަށް އެހީތެރިވެދިނުމަށް ޢާއިލާތަކަށް ގޮވާލަން. ޢާއިލާގެ މެމްބަރުންގެ އަޅާލުމާއެކު ،ބޮޑެތި ބަދަލުތަކެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ." ޒިހްނަތު ވިދާޅުވިއެވެ.

މިއަދު ޒިހުނަތު އެވޯޑް ޙާޞިލްކުރެއްވީ، ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދެއްވާ ފަރާތުގެ ކެޓެގަރީންނެވެ. "ޑިސްއެބިލިޓީ އެވޯޑަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ.

ޕީއެސްއެމްގެ ނިވްސް ޑިޕާޓްމަންޓްގެ އެޑިޓަރެއްކަމަށްވާ ޒިހްނަތު ނިވްސްޓީމާއެކު މުހިންމު އަދި ބުރަ މަސައްކަތުގައި އުޅުއްވަމުން އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިން މިފަދަ އެވޯޑެއް ޙާޞިލްކުރެއްވުމަކީ ޕީއެސްއެމް ނިވްސް ޓީމްވެސް އެކަމާ ފަޚުރުވެރިވާ ކަމެކެވެ. އަދި ޓީމްގެ ހުރިހާ މެންބަރުން ޒިހުނަތަށް އުފަލާއެކު ހޫނު މަރުޙަބާއެއް ކިޔައި އިތުރު ކާމިޔާބީއަށް އެދެމެވެ.