ކުޅިވަރު

މެސީއާއި ނުލައި ބާސާ މޮޅުވިއިރު، ރިއާލް މެޑްރިޑް އެއްވަރު!


މެސީއާއި ނުލައި ކުޅުނު ބާސެލޯނާއިން، ސްޕޯޓިން ޚިޚޯންގެ މައްޗަށް ކުރިހޯދިއިރު، ރިއާލް މެޑްރިޑު ލަލީގާގައި ރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. 

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އެޓީމް ކުޅުނު މެޗް ސްޕޯޓިންގ ޚިޚޯންއާއި ދެކޮޅަށް ކުޅެ ކާމިޔާބުކުރީ ފަހެއް ސުމަކުންނެވެ. 

މުހިންމު ފޯވާޑް ލަޔަނެލް މެސީ ނުލައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ޖެހި 5 ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ނޭމާއެވެ. 10 ކުޅުންތެރިންނާއެކު މެޗް ނިންމާލި ސްޕޯޓިންގ ޚިޚޯން ކޮޅަށް ބާސެލޯނާގެ އަނެއް 3 ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒް، ރަފިންހާ އަދި އާރްދާ ތުރާންއެވެ. 

ބާސެލޯނާއާއި ވާދަވެރި ރިއާލް މެޑްރިޑް ރޭ ކުޅުނު މެޗުން މޮޅުވެވޭ ގޮތެއް ނުވިއެވެ. ލަސް ޕަލްމާސްއާއި ދެކޮލަށް ރިއާލް ކުޅުނު މެޗް ނިމުނީ ދޭއް ދޭކުން އެއްވަރުވެގެންނެވެ. 

މަކޯ އަސެންސިއޯ އަދި ކަރިމް ބެންޒެމާގެ ދެ ގޯލުން މެޗުގައި ދެ ފަހަރަށް ރިއާލް މެޑްރިޑުން ލީޑް ނެގިނަމަވެސް ލަސް ޕަލްމާސްވަނީ ދެފަހަރަށްވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމްގެ ލަނޑުތައް މެޗުގައި ޖަހައިދިނީ ޕެޑްރޯ ޓަނާއުސޯ އަދި ސާޖިއޯ އަރޯޚޯއެވެ. 

ރޭގެ ނަތީޖާތަކަށްފަހު ލަލީގާ ތަވާލްގެ އެއްވަނަގާއި ރިއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއިއެކުއެވެ. ދެވަނާގައިވާ ބާސެލޯނާވަނީ ރިއާލް މެޑްރިޑާއި އެއް ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. ލީގުގެ ތިންވަނާގައި އޮތީ އެތްލެޓިކް ބިލްބާއޯއެވެ.