އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާކަމަށެވެ. އަދި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވޭ.… pic.twitter.com/BvQfy6Asza
— Dr Mohamed Muizzu (@MMuizzu) March 21, 2026
މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުންކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައިކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. މިއަހަރު ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކަށް އދ. އިން ކަނޑައަޅާފައިވަނީ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" އެވެ.