ޓުއަރިޒަމް

ސިޗުއާން އިންޓަރނޭޝަނަލް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ޗައިނާގެ ސީޗުއާން ޕްރޮވިންސްގައި ބާއްވާ ޓޫރިޒަމް އެކްސްޕޯގައި ރާއްޖެ އިން ބައިވެރިވެއްޖެއެވެ.

މިމަހުގެ ތޭވީހުން އަށާވީހަށް ކުރިއަށްދާ، ސިޗުއާން އިންޓަރނޭޝަނަލް އެކްސްޕޯ، ސައިޓު، ގައި މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އިރު، މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެފައިވަނީ ސިޗުއާން އިންޓަރނޭޝަނަލް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ރާއްޖެއަށް ދައުވަތު އެރުވުމުންނެވެ.

މި ފެއަރ މެދުވެރިކޮށް، ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި އިތުރަށް އިޝްތިހާރުކުރެވި، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ. އަދި ސިޗުއާން ރީޖަންއަކީ ރާއްޖެއިން ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އަދި މިހާތަނަށް މަސައްކަތް ކޮށްފައިނުވާ ސަރަޙައްދަކަށް ވުމުން މި އެކްސްޕޯ މެދުވެރިކޮށް އެ ސަރަޙައްދުގައި ރާއްޖެއަށް އޮތް ތަރުހީބު އެގިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިޔަ ނަމަވެސް ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބްތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 194،220 (ސަތޭކަ ނުވަދިހަ ހަތަރު ހާސް ދުއިސައްތަ ވިހި) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.