ހޫނު ގަދަ ވުމުން ހަމައެކަނި ކަރުހިއްކައިގަންނަނީކީ ނޫނެވެ. ޖައްވުގެ ފިނިހޫނުމިން އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އަހަރެމެންގެ ސިކުނޑި މަސައްކަތްކުރުމުގެ ގާބިލުކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާކަމުގައި ދިރާސާތަކުން ދައްކައެވެ.
ހޫނުގަދަވުމުން އެންމެ ފުރަތަމަވެސް ޚިޔާލަށް އަންނަނީ ދުނިޔެ ހޫނުވުމުގެ ވާހަކައާއި، ރާއްޖެއަށް އޮތް ނުރައްކާކަމުގައިވިޔަސް، ހޫނު ގަދަވަމުން އަސަރުކުރަނީ ހަމައެކަނި އެންޓަރޓިކާގައި ހުންނަ ގަނޑުފެނތަކަށްނޫނެވެ. މީހާގެ ނަފްސާނީ ސިއްހަތާ، ރާއްޖޭގެ ހޫނުކަމާ އޮތް ގުޅުން ހީނުކުރާހާ ބޮޑެވެ. ހޫނުމިން މައްޗަށްދާވަރަކަށް، ތިމާ ހަށިގަނޑުގައި ހުންނަ ހޯރމޯނުތަކަށް ބުރޫއަރާ، ނިދުމަށް ހުރަސްއެޅި، އަދި އިޖުތިމާއީ މިންގަނޑުތަކަށް ބަދަލުއައުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ގިނަވަގުތު އަވީގައި އުޅޭ ނުވަތަ މަސައްކަތް ކުރާ މީހުންނަށް ހޫނުގެ ސަބަބުން ހަށިގަނޑަށް ކުރާ ބާރު (heat stress) ބުރަވެގެން ނުވަތަ އިތުރުވެގެންދެއެވެ. އެގޮތުން، ވަރުބަލިވުމާ، ކުރިން ފާހަގަކޮށްލިހެން ނިދުމަށް ހުރަސް އެޅުމާއި، އިތުރު އެހެން އުނދަގޫތައް އިހްސާސްވެގެންދާކަމުގައި، ނަފްސާނީ ބަލިތަކަށް ފަރުވާކުރާ ޑޮކްޓަރެއްކަމުގައިވާ، ޑރ. އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
މީގެ ސަބަބުން، މީހާ ތަހައްމަލު ކުރާ ސްޓްރެސް އިތުރުވުމާއި، މޫޑަށް އަންނަ ބަދަލުތައް ގިނަވެފަ އަވަސްވުމާއި، ރުޅިގަދަވުމާއި، އަދި ކަނބޮޑުވުމާއި މާޔޫސްކަން އިތުރަށް ބޮޑުވެގެން ދެއެވެ. ހަމައެއާއެކު، މީގެ ސަބަބުން ވިސްނުމުގެ ގާބިލުކަމަށް ހުރަސްއެޅި، ކުރިންވެސް ހުންނަ ނަފްސާނީ ބަލިތަކުގެ އަސަރު ގޯސްވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.
"ހޫނުގަދަވީމަ މިވާގޮތަކީ މިކަހަލަ ސިމްޓަމްސްތައް އިތުރަށް ބޮޑުވެގެންދަނީ. ދެން އޭގެ އިންޓެންސިޓީ ހައިވެގެންދަނީ، މި ސިމްޓަމސްތަކުގެ." ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޑރ.އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
މީހާ ތަޙައްމަލުކުރާ ސްޓްރެސް އިތުރުވެގެންދަނީ ހަށިގަނޑުގައި ހުންނަ ހޯރމޯނެއްކަމަށްވާ ކޯޓިސޮލް އިތުރުވުމުން ކަމުގައި ޑރ. ނާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު، ހޫނުގަދަވުމުގެ ސަބަބުން، ނަފުސު ކޫލް ނުވަތަ ފިނިކުރުމުގެ ގޮތުން، ހަށިގަނޑުގައި އިންނަ ނިޒާމުގެ ދަށުން، ދާހިއްލުން އިތުރުވާކަމަށް ފާހަގަކޮށް، ފެން ނުވަތަ ދިޔާތަކެތި ގިނައިން ބޭނުންނުކުރާނަމަ،ބޭހުގެ ސައިޑް އިފެކްޓުތައް ބޮޑުވާނެކަމަށް ޑރ.ނާޒިމް ވިދާޅުވިއެވެ.
ހޫނުގެ ސަބަބުން ހަށިގަނޑަށް ކުރާ ބާރު (heat stress)އިން މީހާ ރައްކާތެރިވުމުގެގޮތުން ކުރެވިދާނެ ކަންތައްތަކެއްވަނީ ޑރ އަބްދުﷲ ނާޒިމް ކިޔައިދެއްވާފައެވެ. އެގޮތުން ރޯދައަށް ހުންނަނަމަ، ރޯދަ ވިއްލުމަށްފަހު ވިހާވެސް ގިނައިން ދިިޔާތަކެތި އެތެރެކުރުމަށާއި، ހެލްތު ޕްރެކްޓީށަނަރެއްގެ އިލްތިމާޒްއާއެކު ބޭސް ބޭޏުންކުރަން ޖެހޭ ގަޑިތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިލްތިމާސްކުރެއްވިއެވެ. މީގެއިތުރުން، ރޯދަމަސް ނިމުމަށްކައިރިކޮށްފައި ހޫނުގަދަ ދުވަސްތައް ފެށިފައިވާތީ،ރޯދަ ވިއްލުމަށޤފަހު ގިނަގިނައިން ދިޔާތަކެތި އެތެރެކުރުމަށް ޑރ. ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު، ނަފްސާނީ ބަލި ހުންނަ މީހުންގެ އައިލާ މީހުންނާއި، ރައްޓެހިން، އެމީހުނަށް އެހީވުމުގެ ގޮތުން ކުރެވިދާނެ ބައެއްކަންކަން ކިޔައިދެއްވިއެވެ. އެގޮތުން، ތެރަޕީ ނުވަތަ ބޭސްކެއުމަށް ހަދާންކޮށްދިނުމާ، ކުޅިވަރުގެ ހަރަކާތްތައް އަދި ބޭރަށް ގެންދިއުމާއި، ކަންކަންކުރުމަށް ހިއްވަރުދިނުމަށް ޑރ. ނާޒިމް އިލްތިމާސްކުރެއްވިއެވެ.
ނަފްސާނީ ބަލި ހުންނަ މީހުންނަށް އެހީވުމުގެ ޒިންމާ އޮންނަނީ ހަމައެކަނި ނަފްސާނީ ބަލިތަަކަށް ފަރުވާކުރާ ޑޮކަޓަރުންގެ ނޫންކަމަށާއި، މިއީ އެންމެންގެ ޒިންމާއެއްކަމަށް ޑރ.ނާޒިމް ވިދާޅުވިއެވެ.