ޚަބަރު

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި!


  • މާލޭ ސަރަޙައްދުގެ 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ

  • ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލު ގެނެސްފައި

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައަށްފަހު، މުސްލިމުންނާ ބައްދަލުކުރާ ފިޠުރު ޢީދަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނުހަނު މަތިވެރި އަހައްމިއްޔަތުކަމެއް ދެވިފައިވާ ދުވަހެކެވެ. މިއީ މާތްﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި، އާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގެ އެކަކު އަނެކަކަށް ހެޔޮއެދުމާއި އުފާވެރިކަން ފާޅުކުރާ މުނާސަބަތެކެވެ.

މުޅި އިސްލާމީ އުންމަތް އެއްބައިވަންތަކަމާއި އުފާވެރިކަން ފާޅުކުރާ ފިޠުރު ޢީދު، އާންމު ބަހުރުވައިންނަމަ ކުޑަ ޢީދުގެ އެންމެ މުހިންމު އެއް ރުކުނަކީ އީދު ނަމާދޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އިސްލާމީ އެހެނިހެން ދަޢުލަތްތަކުގައި ޢީދު ނަމާދުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ކުރެވެމުންދާއިރު ރާއްޖޭގައިވެސް ކޮންމެ ޢީދަކާ ދިމާކޮށް ވަރަށް ކުލަގަދަކޮށް ޢީދު ނަމާދުގެ ކަންކަން އިންތިޒާމު ކުރެވެއެވެ.

މިފަހަރުވެސް ބޮޑު ޖަަމާޢަތް މާލޭގެ 4 ސަރަހައްދެއްގައި

ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޢީދު ނަމާދު ކުރަމުން އަންނަނީ ހުސްބިންތަކުގައި ބޮޑު ޖަމާޢަތުގައެވެ. "ބޮޑު ޖަމާޢަތް" މިގޮތަށް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ވީހާވެސް ގިނަ ރައްޔިތުން އެއްތަނަކަށް ޖަމާވެ، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ. މީގެ ސަބަބުން ކުދިބޮޑު އެންމެން އެއް ސަފެއްގައި ތިބެ ނަމާދުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ނިންމާ އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ މާފަންނު ސްޓޭޑިއަމް ސަރަޙައްދު، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިން (ނިރޮޅުމަގާއި، ހީނާމާ ހިނގުމާއި، ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ސަރަޙައްދު) އެވެ.

ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިތުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، މާލޭ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަޙައްދުތަކުގައި ނަމާދު ކުރެވޭ ފަދަ ޙާލަތެއް ނެތްނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ޓްރެފިކް ފްލޯއަށް ގެންނަ ބަދަލުތައް

ޢީދު ނަމާދުގެ ބޮޑު ޖަމާޢަތާ ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުތަކަށެވެ. މިއީ ޢީދު ނަމާދަށް އެއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް، ޢީދުވިލޭރޭގެ 15:00 ގެ ކުރިން އެ ސަރަޙައްދުތަކުން ނެގުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއީ ޢީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މަޢާފަށް އެދިފައެވެ.

ޢީދު ނަމާދު ރާއްޖޭގައި ކުރަނީ ހެނދުނު 7:00ގައެވެ.

ކުރިން 7:30ގައި ޢީދު ނަމާދު ކުރި ނަމަވެސް މި ގަޑި ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީއެވެ. އަދި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.