ޓުއަރިޒަމް

ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް ފަށައިފި


ސަތޭކަ ފަސްދޮޅަހަށް ވުރެއް ގިނަ ބައިވެރިންނާއި އެކު ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް ފަށައިފިއެވެ.

މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކުރާ ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްއަކީ ގެސްޓްހައުސް ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަށް އެއްތަނަކުން ބައްދަލުވެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސެކެވެ.

ދަރުބާރުގޭގައި އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންޓުންކަމަށްވާ އެކްސްޕީޑިއާއި ބުކިންގ ޑޮޓް ކޮމްއާއި އަގޯޑާގެ ފަރާތުން ބައިވެރިވެ މި ކޮންފަރެންސްގެ ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.

ބީއެމްއެލް ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެސް ހުޅުއްވައިދެއްވާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ދާއިރާއެއްކަމަށާއި، އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން 75 އިންސައްތަ އަކީ ދިވެހިން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހި އަންހެނުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ، ކުރިއަރަމުން އަންނައިރު، ރާއްޖޭގައި 300 އަށްވުރެ ގިނަ ގެސްޓް ހައުސް އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދެއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރކަމުގައިވާ ބޭންކް އޮފް މޯލްޑްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ރާއްޖޭގައި ކުރިއަރަމުން އަންނަ ގެސްޓްހައުސް ސިނާއަތުގެ ލަނޑުދަނޑި ހާސިލްކުރުމަށް އެބޭންކުން އެހީތެރިވާނެކަމަށެވެ.

މިކޮންފަރެންސްގައި ގެސްޓްހައުސް އިންޑަސްޓްރީ އިތުރަށް ކުރިއެރެވުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮމޯޓްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ.