ޚަބަރު

މާސްޓަރސް ކެޓަގަރީގެ ފައިނަލަށް ޓީސީ އާއި ސްޓެލްކޯ


  • މުބާރާތުގެ މި ކެޓަގަރީގެ ފައިނަލް އޮންނާނީ މާދަމާ

  • ސްޓެލްކޯ އިން ޕެނެލްޓީގަ ކުރި ހޯދީ 5-4 ލަނޑުން

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ މާސްޓަރސް ކެޓަގަރީގެ ފައިނަލުން ޓީސީ ސްޕޯޓްސް ކުލަބާއި ސްޓެލްކޯ ޖާގަ ހޯދާފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނީ މާސްޓަރސް ކެޓަގަރީގެ ސެމީ ފައިނަލު މެޗުތަކެވެ. ފުރަތަމަ ސެމީ މެޗަށް ހުޅުމާލެ ވެޓެރެންސް ޓީމު ހާޒިރު ނުވުމުން ޓީސީ އަށް ވަނީ 2-0 ލަނޑުން މެޗު ލިބިފައެވެ. މި މޮޅާ އެކު ޓީސީ ފައިނަލަށް ދިއައިރު ދެވަނަ ސެމީ މެޗު ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ.

ސްޓެލްކޯ ފައިނަލަށް ދިޔައީ ހިންނަވަރު ހިރިޔާއާ ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ލަނޑުން އެއްވަރުވުމުން ޕެނެލްޓީގައި 5-4 ކުރިހޯދައިގެންނެވެ. މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ލަނޑުތައް ފެނިގެން ދިޔައިރު 17 ވަނަ މިނިޓުގައި މުހައްމަދު އިބްރާހިމްގެ ލަނޑުން ހިރިޔާ ޓީމުން ލީޑު ނެގިއިރު ސްޓެލްކޯއިން އެއްވަރު ކުރީ މެޗުގެ އެންމެ ފަހު މިނިޓުގައި ޝިފާޒް އަހުމަދު ޖެހި ލަނޑުންނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސްޓެލްކޯގެ އަބްދުލް ރަހްމާން އަހުމަދު ޖެހި ޕެނެލްޓީ ނާކާމިޔާބުވީއިރު ހިރިޔާ ޓީމުގެ އަލީ ވަހީދު އާއީ މުހައްމަދު އަބްދުލް ރަހްމާން އަދި ހަސަން ޖައުފަރު ޖެހި ޕެނެލެޓީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މުބާރާތުގެ މި ކެޓަގަރީގެ ފައިނަލް އޮންނާނީ މާދަމާއެވެ.