ޚަބަރު

ވެޓެރެންސް މުބާރާތް ވިލިމާލެއަށް


  • އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ހުޅުމާލެ ވެޓެރެންސްގެ ހުސެއިން ސިމާޒް

  • އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެ ޔުނައިޓެޑްގެ ހަސަން ސޮލާހެ

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގެ ޗެމްޕިއަންކަން ހުޅުމާލެ ވެޓެރެންސް ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލު މެޗު ވިލިމާކެއިން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗު ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ވިލިމާލެއިންނެވެ. މުޅިމެޗުގައި ހުޅުމާލެ ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު ރަނގަޅު ހަމަލާއެއް ވެސް އުފެއްދިފަ އެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިލިމާލެ ޓީމުގެ ފަރުހާދު އިސްމާއިލް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ވަނީ ގޯލާ ސިދާވާގޮތް ނުވެފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ 16 ވަނަ މިނިޓުގައި ފަރުހާދު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ހުސައިން ރަޝީދު ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ވިލިމާލެއިން އެޓޭކްގައި ނުރައްކާ ކުރިއިރު އެޓީމުގެ ފަރުހާދު ހުސްކޮށް ހުރެ ފޮނުވާލި ބޯޅައެއް ގޯލާ އަމާޒުނުވެފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެ ޓީމުގެ ހުސެއިން ރަޝީދުއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ހުޅުމާލެ ވެޓެރެންސްގެ ހުސެއިން ސިމާޒްއެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެ ޔުނައިޓެޑްގެ ހަސަން ސޮލާހެވެ. ފެއާޕްލޭ ޓީމަކީ ވިލިމާލެ ޔުނައިޓެޑެވެ.