އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ މޮޅެއް ނުހޯދުނު ނަމަވެސް، މެޗުގެ ބޮޑުބައިގައި މޮޅަށް ކުޅުނީ ލިވަޕޫލްގެ ކުޅުންތެރިންކަމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު، މެޗުގެ 18 ވަނަ މިނެޓުގައި ޑޮމިނިކް ޒޮބޮސްލާއީގެ ލަނޑުން ލިވަޕޫލުން ލީޑުނެގިއެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަވަގުތުގެ އެންމެފަހު މިނެޓުގައި ރިޗާލިސަން ވަނީ ޓޮޓެންހަމްއަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސްލޮޓް ބުނީ، މެޗުގެ ބޮޑު ބައެއްގައި މޮޅަށް ކުޅުނީ ލިވަޕޫލުން ކަމަށާއި، އޭގެ ފައިދާ ނަގައި އިތުރު ލަނޑެއް ނުވަތަ ލަނޑުތަކެއް ޖަހަން ޖެހޭނެ ކަމަށެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ލިވަޕޫލަށް ލިބުނުކަން އޭނާ ފާހަގަކުރިއެވެ.
އެހެންނަމަވެސް، މެޗުގެ ފަހު 15 ވަރަކަށް މިނެޓުގެ ތެރޭގައި މެޗުގެ އޮއެވަރު ބަދަލުވެ، ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަކަމަށާއި، ޓޮޓެންހަމް އިން ލަނޑު ޖަހާފައި ވަނީ މި 15 ވަރަކަށް މިނެޓުގެ ތެރޭގައި ތަނަވަސްކުރި ފުރުސަތުތަކުގެ ތެރެއިންކަމަށް އޭނާ ބުންޏެވެ.
ޓޮޓެންހަމްއިން ލަނޑު ޖަހާފައި ވަނީ މެޗުގެ އެންމެފަހު މިނެޓުގައި ކަމަށް ވުމުން، އިތުރު ހިތްވަރެއް ލައިގެން ލަނޑެއް ޖަހަން ލިވަޕޫލްގެ ކުޅުންތެރިންނަށް ފުރުސަތު ނުލިބުނީކަމަށް އޭނާ ބުންޏެވެ.
ލިވަޕޫލް ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، މެޗުގެ ފަހު ކޮޅަށް އައިސް، ބައިކޮޅަށް ލަނޑެއް ވަނުން ހުއްޓުވަން ކުރަންޖެހޭ މަސައްކަތް ނާކާމިޔާބުވުންކަމަށް އޭނާ ބުންޏެވެ. އަދި ބޭނުންވާ މިންވަރަށް ލިވަޕޫލަށް "ކްލީން ޝީޓް" ނުހެދޭކަމަށް ވެސް އޭނާ ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ އެއްވަރުވުމާއެކު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.
ލިވަޕޫލަށް ލީގު ތާވަލުގައި 30 މެޗުން 49 ޕޮއިންޓާއެކު ލިބެނީ ފަސްވަނައެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނީ ގަދަ 4 ޓީމަށެވެ. މިވަގުތު ލީގު ތާވަލުގެ ގަދަ ހަތަރެއްގައި އޮތީ އެއްވަނައިގައި އޮތް އާސެނަލް އާއި ދެވަނައިގައި އޮތް މެންޗަސްޓަރ ސިޓީގެ އިތުރުން ތިންވަނައިގައި އޮތް މެންޗަސްޓަރ ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އެވެ.
ލިވަޕޫލަށް ޓޮޓެންހަމްގެ މައްޗަށް މޮޅެއް ހޯދުނު ނަމަ، އެ ޓީމަށް ތާވަލުގެ ހަތަރުވަނައަށް އެރުނީހެވެ.