ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްޤީ ކުރުމަށް ނިންމައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، ކުރީގެ ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ، އެ ބިން ސާފު ކުރުމުގެ މަސައްކަތާއި ވަށައިގެން ޓިނު ޖެހުމުގެ މަސައްކަތް ކަމަށް ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ، އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިން ޙަވާލުކޮށްފައިވާ ޑިޒައިނަށް އެތަނުގައި ކުދިންނަށް ހިތްފަސޭހަ ކަމާއެކު ކުޅެލެވޭނެ ޕާކެއް ތަރައްޤީ ކުރެވޭނެ ކަމަށެވެ. އަދި މީހުންނަށް އިށީދެ ތިބެވޭނެ ގޮތަށް އެތަން ތަރައްޤީ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންގޮސް 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ.
ޣާޒީ ބިލްޑިންގއަކީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވައި ބޭނުންކުރަން ފެށި ޢިމާރާތެކެވެ. މި ޢިމާރާތް ނިސްބަތް ވަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކޮށްދެއްވި އަދި ރާއްޖޭގެ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޤައުމީ ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) ގެ ހަނދާނަށެވެ.
41 އަހަރުވެފައިވާ މި ޢިމާރާތަކީ، ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ ޢިމާރާތެވެ. އެހެންނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން އެ ޢިމާރާތް ވަރަށް ބޮޑަށް ބައުވެ، ހަލާކުވުމުގެ ސަބަބުން އެ އިމާރާތް ތަޅާލީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މީގެ އިތުރުން އެ ސަރަޙައްދު ހުރި ހުރަވީ ބިލްޑިންވެސް ބާއުވުމުގެ ސަބަބުން 2022 ވަނަ އަހަރު ވަނީ އެ އިމާރާތް ތަޅާލާފަައެވެ. ހުރަވީ ބިލްޑިންގ ހުރި ބިމުގައި މިހާރު ވަނީ، ޕާކިން ޒޯނެއް ތަރައްޤީކޮށްފައެވެ.