ތަޢުލީމު

އޯލެވެލްއަށް ދަރިވަރުން ތައްޔާރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް


ސަރުކާރުގެ ތަޢުލީމީ ސިޔާސަތެއް ކަމުގައިވާ އެއްވެސް ކުއްޖަކު ބާކީނުކުރެއްވުމުގެ ސިޔާސަތަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމަކާއި އިސްކަމެއް ދެއްވާ ކަމެކެވެ.

މިސިޔާސަތު ތަންފީޒުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމުގެ އެއް ހެއްކަކީ އޯލެވެލް އިމްތިޙާނުގައި ދިވެހިރާއްޖޭގެ ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީތަކެވެ. މިކާމިޔާބީތައް އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ނަތީޖާތައް ރަގނަޅުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީންނާއި ސްކޫލްތަކުން ގެންދަވަނީ މަސައްކަތްތަކެއް ރާއްވަވައި ތަންފީޒުކުރައްވަމުންނެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ، އޯލެވެލް އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރެއްވުމުގެ ގޮތުން ހުރިހާ ސްކޫލެއްގައި ގްރޭޑް 10 ގައި އުޅޭ ހުރިހާ ކުދިންގެ ވަކިވަކި ނަތީޖާގެ ތަފްޞީލްތައް އެމިނިސްޓްރީން ސްކޫލްތަކާއ ގުޅިވަޑައިގެން ބައްލަވައި، މިހާރު ލިބިފައިވާ ނަތީޖައަށްވުރެ ރަނގަޅު ނަތީޖާއަކަށް ދިޔުމަށް އެހީތެރިކަން ދެއްވަމުން ގެންދަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތުން ދަރިވަރަށް ވަކިވަކި މާއްދާތަކުގެ ސިލަބަސްގައި ދަސްވެފައިވާ މިންވަރާއި، ދަސްކުރަން އޮތް މިންވަރު، ދަސްކުރަންވީ ބައި އަދި ޓީޗަރު ވަކިވަކިން ދަރިވަރުންނާއެކު މަސައްކަތްކުރާނެ ގޮތުގެ ތަފްޞީލްތައް އެކުލަވާލައްވައި މިދިޔަ އަހަރުގެ ނަތީޖާއަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދ ގެންދަވާކަމަށެވެ.

ތަޢުލީމީ ގޮތުން ރަނގަޅު ނަތީޖާތަކެއް ޙާޞިލްނުވާ ދަރިވަރުން ބީޓެކް ޕްރޮގްރާމާއި ދަސްވާރު ޕްރޮގްރާމްގެ ތެރޭގައި ހިމަނުއްވައި ތަޢިލީމީ ނިޒާމުން ބާކީނުވެ، އަމިއްލަ ކެރިއަރެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތްތައް ބައްލަވައި ދެއްވެން ހުރި އެހީތެރިކަން އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ދެއްވަމުންނެވެ.

ސަރުކާރުގެ އެއް އަމާޒަކީ ދަރިވަރުން ގްރޭޑް 10 ނިންމައި ސްކޫލުން ވަކިވާއިރު، ކޮންމެ ކުއްޖަކީވެސް އޭލެވެލްގައި ބައިވެރިވެ، އެންމެ މަދުވެގެން 3 މާއްދާއިން ފާސްވެގެން ސްކޫލުން ވަކިވާ ކުދިބަޔަކަށް ހެއްދެވުމެވެ. މިއަމާޒުގެ މަޤްޞަދަކީ އެއްވެސް ކުއްޖަކު ބާކީނުވެ ކޮންމެ ކުއްޖަކުވެސް ކޮންމެވެސް ދާއިރާއަކުން ތަމްރީނުވެގެން ނުވަތަ އިތުރަށް ތަޢުލީމު އުނގެނިގެން، ކުއްޖާގެ އަމިއްލަ ނަފްސާއި، ޤައުމަށް ފައިދާ ހުރި ކުއްޖަކަށް ވުމަށް ފުރުޞަތު ތަނަވަސްކޮށްދެއްވުމެވެ.