ކުޅިވަރު

ބާސެލޯނާގެ ރައީސްކަން ލަޕޯޓާ ދިފާއު ކޮށްފި


ބާސެލޯނާގެ ރައީސަކު ހޮވަން ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޖޯން ލަޕޯޓާ ދެ ވަނަ ދައުރެއް ކަށަވަރު ކޮށްފި އެވެ.

ރޭ އިއުލާނު ކުރި ވަގުތީ ނަތީޖާތަލުން ދައްކާ ގޮތުން ލަޕޯޓާ އަށް ވަނީ 69 ޕަސެންޓް މީހުންގެ ތާއިދު ލިބިފަ އެވެ. އޭނާއާ ވާދަކުރެއްވި ވިޔަފާރިވެރިޔާ ވިކްޓަރ ފޮންޓަށް ލިބިވަޑައިގަތީ 28 ޕަސެންޓް ވޯޓެވެ.

ކުލަބުން އާއްމު ކުރި ނަތީޖާތަކުގައިވާ ގޮތުން މި އިންތިހާބުގައި ވޯޓުލާފައިވަނީ 48400 މީހުންނެވެ. މިއީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ 114504 މީހުންގެ ތެރެއިން 42 ޕަސެންޓް މީހުންނެވެ. މީގެ ތެރެއިން ލަޕޯޓާ އަށް 36117 މީހުން ވޯޓު ދީފައިވެ އެވެ. މިއީ ފޮޓަށް ލިބުނު ވޯޓަށްވުރެ 24643 ވޯޓު ގިނަ އަދަދެކެވެ.

ވާދަވެރި ކެމްޕޭނެއް ފެނިގެންދިޔަ އިންތިހާބު ކާމިޔާބު ކުރެވުމާއެކު 2031 ވަނަ އަހަރާ ހަމައަށް ބާސެލޯނާގެ ރައީސް ކަމުގައި ހުންނަވާނީ ލަޕޯޓާ އެވެ. މީގެ ކުރިން އޭނާ ވަނީ 2003 އިން 2009 އަށް ވެސް ބާސެލޯނާގެ ރައީސްކަން ކުރައްވައިފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި ލަޕޯޓާ ކާމިޔާބު ހޯއްދެވީ ބާސެލޯނާ ދުށް އެންމެ ވަރުގަދަ ކުޅުންތެރިޔާ ލަޔޮނަލް މެސީއާ އޮތް ގުޅުން ގޯސްވެފައިވާތީވެ އޭގެ ޕްރެޝަރާއެކުގަ އެވެ. ވިކްޓަރ ފޮންޓް އެންމެ ބޮޑަށް ދައްކަމުދިޔަ ވާހަކަ އަކީ ވެސް މެސީ ކުލަބު ދޫކޮށް ދާން ޖެހުނީ ލަޕޯޓާއާ ހެދި ކަމަށެވެ. އަދި އޭނާ ހޮވިއްޖެނަމަ މެސީ ގެންނާނެ ކަމަށާއި ކުލަބުގެ އޮނަރަރީ ރައީސްކަން ވެސް މެސީ އަށް ދޭނެ ކަމަށެވެ.

އިންތިހާބުން ބަލިވުމުން ފޮންޓް ވަނީ ލަޕޯޓާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

"އަހަރެން ރައީސް ލަޕޯޓާ އަށް މަރުހަބާ ކިޔަން. އޭނާ ހޯދީ ވަރަށް ފުރިހަމަ ކާމިޔާބީއެއް. މުޅި ދުނިޔެއިން 40000ވުރެ ގިނަ މީހުން އިންތިހާބުގައި ވޯޓު ލުމުން ދައްކުވައިދެނީ އަހަރުމެންނަކީ އެންމެ މޮޅު ކުލަބުކަން. ދެން މިހާރަށްވުރެ އިންތިހާބުގައި ބައިވެރިވާ މީހުން ގިނަ ކުރަން މަސައްކަތް ކުރަން ޖެހޭ. މިއީ ފުރަތަމަ ފަހަރު އިންތިހާބުގެ ދުވަހު މިހާ ދިގު ކިޔޫ އެއް ފެނިގެންދިޔަ. އަދި މެޗު އޮންނަ ދުވަހާ ދިމާވުމުން އެތައް ގޮންޖެހުންތަކެއް ކުރިމަތިތަން ފެނިގެންދިޔަ، މިހާރަށްވުރެ ބާސެލޯނާގެ މެނޭޖްމަންޓް ޕްރޮފެޝަނަލް ވާނެ ކަމަށް އުއްމީދު ކުރަން،" ފޮންޓް ވިދާޅުވި އެވެ.