ސްޕޭނާއި އާޖެންޓީނާ ބައްދަލު ކުރަން ހަމަޖައްސާފައިވާ ފައިނަލިސިމާ ފައިނަލް މެޗު ކެންސަލް ކުރަން ޖެހުނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ސަބަބުން ކަމަށް ޔޫއެފާއިން ބުނެފިއެވެ.
ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާއި ދުނިޔޭގެ ޗެމްޕިއަން ވާދަ ކުރާ މި މެޗު ކުޅެން ޔޫއޭފާއިން ހުށަހެޅި އެއްވެސް ގޮތެއް އާޖެންޓީނާ އަށް ގަބޫލު ނުކުރެވުނު ކަމަށެވެ.
ޔޫއެފާއިން އެންމެ ފުރަތަމަ ހުށަހެޅީ މި މަހުގެ 17 ވަނަ ދުވަހު މި މެޗު ސްޕޭނުގެ ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅޭށެވެ. އެއީ ދެ ގައުމަށް ވެސް ހަމަހަމައަށް ދަނޑުގެ ޖާގަ އާއި ލިބޭ ފައިސާ ބަހާލާ ގޮތަށެވެ. ނަމަވެސް އާޖެންޓީނާ މިކަމަށް އެއްބަހެއް ނުވިއެވެ.
ޔޫއޭފާއިން ބުނީ ދެ ވަނަ އަށް ހުށަހެޅި ގޮތަކީ މި ފައިނަލް މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ކަމަށެވެ. މި ގޮތުން ފުރަތަމަ މެޗު މާޗު 27ގައި ކުޅުމަށްފަހު ދެ ވަނަ މެޗު 2028 ނިމުމުގެ ކުރިން ކުޅޭ ގޮތަށެވެ. މި ގޮތަށް އާޖެންޓީނާ އަށް އެއްބަސް ނުވެވުނު ކަމަށެވެ.
ތިން ވަނަ ގޮތަކަށް ހުށަހެޅީ މި މެޗު ފަހުގެ ތާރީހެއްގައި ނިއުޓްރަލް ދަނޑެއްގައި ކުޅުމަށެވެ. މި ގޮތަށް އާޖެންޓީނާ އަށް އެއްބަސް ނުވެވުނު ކަމަށެވެ.
ޔޫއޭފާއިން ބުނީ އާޖެންޓީނާއިން ހުށަހެޅި ހަމައެކަނި ގޮތަކީ މި މެޗު ނިއުޓްރަލް ދަނޑެއްގައި މި މަހުގެ 31ގައި ކުޅުމަށެވެ. ނަމަވެސް މި ތާރީހުގައި އެހެން މެޗެއް ކުޅެން ހަމަޖެހިފައިވުމާއެކު މިއީ ސްޕޭނަށާއި ޔޫއޭފާ އަށް ވެސް ގަބޫލު ނުކުރެވުނު ކަމެއް ކަމަށެވެ.
މި މެޗު ކުރިން ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 27ގައި ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ތަނެވެ. ނަމަވެސް މި ދަނޑުގައި މެޗު ކުޅެވޭގޮތް ނުވީ އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން ރައްދުގައި އިރާނުން މެދުއިރުމަތީގައިވާ އެމެރިކާގެ ތަންތަނަށް ހަމަލާދޭން ފެށުމުންނެވެ. ގަތަރަކީ އެމެރިކާއާ ގާތް އެކުވެރި ގައުމެކެވެ. އެ ގައުމުގެ މައި އެއާޕޯޓަށް މިސައިލުން ދިން ހަމަލާތަކާއެކު ގަތަރުން މިހާރު ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ވެސް ހުއްޓާލައިފައެވެ.
މިހެންވުމުން މި މެޗު ކުޅޭނެ ތަނެއްގެ ގޮތުގައި ހުކުރު ދުވަހު ކަނޑައެޅީ ސްޕޭނުގެ ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގައެވެ. ސްޕޭނުގައިވާ އެންމެ ޒަމާނީ އަދި ޖާގަ ބޮޑު ސްޓޭޑިއަމުގައި މެޗު ކުޅެން ދެކޮޅު ހެދީ އާޖެންޓީނާއިންނެވެ. ވަކި ސަބަބެއް ނުބުނެއެވެ. ނަމަވެސް ރެއާލްގެ ދަނޑަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެހާ ގަޔާވާ ތަނެއް ނޫނެވެ. އޭނާ އަކީ ރެއާލްގެ އެންމެ ބޮޑު ވާދަވެރިޔާ ބާސެލޯނާގައި އުޅެ ބޮޑުވި އެކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑެވެ.
ވަކި ސަބަބެއް ނުބުނެ އާޖެންޓީނާއިން ބުނީ މެޗު ކުޅެން އެ މީހުން ބޭނުންވަނީ އާޖެންޓިނާގެ ރިވަޕްލޭޓްގެ ދަނޑުގައި ކަމަށެވެ. މިއީ މެޑްރިޑުގައި މެޗު ކުޅުން ހުއްޓުވަން ވެގެން ދެއްކި ވާހަކައެއް ކަމަށް ބެލެވެއެވެ. މިއަށްފަހު އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު މެޗުގެ އިންތިޒާމުގެ މަޝްވަރާ ކޮށްފައެވެ.
ފައިނަލިސިމާ ފައިނަލް އެންމެ ފަހުން ކުޅުނީ 2023ގައެވެ. އާޖެންޓީނާ އާއި އޭރުގެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވާދަކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ އާޖެންޓީނާއެވެ.