ޚަބަރު

ވަޒީރު ރާފިއު، ސެ ކުއެޑާ ރަމަޟާން ކަޕުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި


  • މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވޭ

  • ޤައުމީ ޓީމުގެ ހަތަރު ކުޅުންތެރިއަކާއި އުޒްބެކިސްތާނުގެ ދެ ކުޅުންތެރިއަކު މުބާރާތުގައި ކުޅޭ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ގއ. ކޮލަމާފުށީގައި ބާއްވާ ސެ ކުއެޑާ ރަމަޟާން ކަޕް 2026 ގެ ފެށުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޓްރޮފީ ދައްކާލާފައިވާއިރު، ރަސްމީކޮށް ޓްރޮފީ ރިވީލްކޮށްދެއްވީ ވަޒީރު ރާފިއުއެވެ.

މި ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން ވަނީ ވަޒީރު ރާފިއުއަށް، ހަނދާނީ ފިލައެއް އަރުއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅުވެސް ދެއްކެވިއެވެ.

ޖުމްލަ ހަ ޓީމު ބައިވެރިވާ މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗު، ހޮނިހިރު ދުވަހުގެރޭ ކުޅެފައިވާއިރު ފައިނަލް މެޗު އޮންނާނީ ފިޠުރު ޢީދު ދުވަހުއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގައި، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ހަތަރު ކުޅުންތެރިއަކު ކުޅޭނެއެވެ. އެއީ އަލީ ޝިޔާޙު އާއި އަޙްމަދު ހަމީދުގެ އިތުރުން ކީޕަރު ޒައިދާން އަޙްމަދާއި އަބްދުﷲ ޝާފިއު އެވެ.

މި ހަތަރު ކުޅުންތެރިން، ޤައުމީ ޓީމާއެކު ހޯދި ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

މީގެއިތުރުން މި މުބާރާތުގައި، އުޒްބެކިސްތާނުގެ ދެ ކުޅުންތެރިއަކު ވެސް ކުޅެއެވެ.

މި މުބާރާތަކީ ގއ. އަތޮޅުގައި ބާއްވާ އެންމެ ހައިބަތުބޮޑު އެއް މުބާރާތެވެ.