ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތަށް ނެތް ކަމަށާއި މިހާރު ހުރި ސްޓޮކްއިން މެނޭޖްކުރެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިގެން ގޮސްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލް އަދި ޑިސަލް އަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެލެވެ. އެހެން މި ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. އެހެން ކަމުން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯއީން ވިދާޅުވީ، މިވަގުތަށް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފްތާފައި ލިބޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެހެން ކަމުން މިވަގުތަށް ހުރި ސްޓޮކުން ދަތިކަމެއް ނެތި މެނޭޖްކުރެވޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވުމާއި ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭހުން ގޭސް ވިއްކަމުން ދަނީ ލިމިޓްކޮށްގެން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މޯލްޑިވް ގޭހުން މިވަގުތު ގޭސް ވިއްކަމުން ދަނީ 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 5 ކިލޯގެ ގޭސްފުޅިއެވެ. މި ފިޔަވަޅަކީ މި ހަފުތާއަށް އެކަނި އެޅި ފިޔަވަޅެއް ކަމަށާއި އައު ޝިޕްމެންޓް ލިބުމާއެކު، ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަމުން ދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގެ ތެލާއި ގޭހުގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ވަނީ ބަދަލު އައިސްފައެވެ. އާންމު އުސޫލެއްގެ ދަށުން ތެލުގެ އަގު ކަނޑައަޅަނީ، ރާއްޖެއަށް އެތެރެކުރާ ތެޔޮ ޝިޕްމެންޓްތަކުގެ ވެއިޓެޑް އެވަރޭޖްއަށް ބެލުމުގެ ދަށުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މިއާއެކު ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައުމާއެކު އެކަމުގެ އަސަރު ރާއްޖެއިން ވިއްކާ ތެލުންވެސް ފެނިގެންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން ވަނީ ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އަގަށް އަންނަ ބަދަލު އެބްޒޯބް ކުރެވޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގެ ތެޔޮ ވިއްކާ އަގާއި އަޅާ ބަލާއިރު ރާއްޖެއިން މިހާރު ތެޔޮ ވިއްކަނީ ހެޔޮ އަގެއްގައިކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.