ޚަބަރު

އުނދަގޫ މޮޅަކާއެކު އެތުލެޓިކޯއިން މަގާމު ދަމަހައްޓައިފި


  • މެޗުން އެތުލެޓިކޯ މޮޅުވީ 0-1 އިން

  • މި މޮޅާއެކު އެތުލެޓިކޯ ތާވަލުގެ ތިންވަނައިގައި އޮތީ 57 ޕޮއިންޓާއެކު

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑުން، ގެޓާފޭގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އެތުލެޓިކޯގެ ރިޔާދު އެއަރ، މެޓްރޮޕޮޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފުނު މި މެޗުގައި ޖުމްލަ 12 ހަމަލާއެއް އެތުލެޓިކޯ މެޑްރިޑުން އުފައްދާފައިވެއެވެ. އެހެންނަމަވެސް އޭގެއިން ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވިފައި ވަނީ އެންމެ ހަތަރު ހަމަލާއެކެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އެތުލެޓިކޯއިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަކަމައެކަނި ލަނޑަކީ، މެޗުގެ ވަރަށް ކުރީކޮޅު އެތުލެޓިކޯއިން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ފަށައިގެން އަށްވަނަ މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަހުއެލް މޮލީނާއެވެ.

މިއީ ގެޓާފޭގެ ހާފު ތެރެއިން އެ ޓީމުގެ ޑިފެންޑަރުން އަތުން ގެއްލުނު ބޯޅައެއް ހޯދައި، ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއްގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ލަނޑުގެ އިތުރުން ވެސް އެތުލެޓިކޯއިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން 82 ވަނަ މިނެޓުގައި އެ ޓީމުގެ އެންޓޮއިން ގްރީޒްމަނާއި ހޫލިއަން އަލްވަރޭޒް އަށް ލިބިގެންދިޔަ ހުސް ފުރުސަތުގައި ވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނުމަށް ހުރަސް އެޅީ ގެޓާފޭގެ ކީޕަރެވެ.

މި މެޗުން ހޯދި މޮޅާއެކު އެތުލެޓިކޯ ވަނީ ކުޅުނު 28 މެޗުން 57 ޕޮއިންޓު ހޯދާފައެވެ. ލީގު ތާވަލުގައި އެތުލެޓިކޯއަށް ލިބެނީ ތިންވަނައެވެ. މެޗުން ބަލިވި ގެޓާފޭއަށް، 35 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ނުވަވަނައެވެ.