އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ހޯދުމުގައި އެވަޓަން އަތުން ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މި މޮޅާއެކު އާސެނަލް އާއި ދެ ވަނާގައިވާ މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ނުވަ ޕޮއިންޓަށް ފުޅާވެފަ އެވެ. ސިޓީ އަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އާސެނަލް އަށް 31 މެޗުން 70 ޕޮއިންޓެވެ. ނަމަވެސް އާޓެޓާ ބުނީ ތަށި ހޯދުމުގެ ރޭހުގައި މިވަރުން ފަސޭހަ ކޮށްލައިގެން ނުވާނެ ކަމަށެވެ.
"މި މޮޅަކީ އަހަރުމެންނަށް ވަރަށް މުހިންމު މޮޅެއް. އަހަރުމެން މި ތިބީ ވަރަށް އުފާވެފައި. އެކަމަކު މި ލީޑް ދެމެހެއްޓުމަކީ އަހަރުމެންގެ ޒިންމާ އެއް. އަހަރުމެން ޖެހޭ މި ނަތީޖާތައް ތަކުރާރު ކުރަން. ކުރިއަށް އޮތް މެޗަކީ ހަމަޖެހިލަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ އަހަރު ތަކަކަށް ފަހު އާސެނަލް ޕްރެމިއާ ލީގު ކާމިޔާބު ކުރުމާ ދިމާލަށް މިސްރާރު ހިފާފައިވާ ކަމަށް މިހާރު ބުނެވިދާނެ ކަމަށާއި މުޅި ޓީމުގައި ވެސް މިހާރު އޮތީ ޗެމްޕިއަންކަން ހޯދުމުގެ ރޫހު ކަމަށެވެ.
އާސެނަލް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރީ 2004 ވަނަ އަހަރު ކުރީގެ ކޯޗު އާސެން ވެންގާގެ ކޯޗުކަމުގަ އެވެ. މިހެންވެ މި ފަހަރު ތަށި ހޯދައިފިނަމަ އާޓެޓާ ވެގެންދާނީ ފާއިތުވެދިޔަ 22 އަހަރު ތެރޭގައި އާސެނަލް އަށް އިނގިރޭސި ޗެމްޕިއަންކަން ހޯދައިދޭ ފުރަތަމަ ކޯޗަށެވެ. އޭނާ އަކީ ވެންގާގެ ކޯޗުކަމުގައި ކުޅުނު ކުޅުންތެރިއެއް ވެސްމެ އެވެ.