ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރާ ސަރަޙައްދުގައި އެ މަންޒަރު ބަލާލުމަށް މަޑުކޮށްގެން ތިބެވޭގޮތަށް 350 މީހުންންގެ ޖާގައިގެ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް މިއަދު "ނިއުޕޯޓް" އާ ޙަވާލުކުރައްވައިފިއެވެ. މި ޕްލެޓްފޯމްގެ މަސައްކަތައް ގާތްގަނޑަކަށް އަށްމިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ނިއުޕޯޓުން ބުނެއެވެ.
ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރާ ސަރަޙައްދުގައި އެ މަންޒަރު ބަލާލުމަށް މަޑުކޮށްގެން ތިބެވޭގޮތަށް ޕްލެޓްފޯމެއް ހައްދަވަނީ ބްރިޖް މާލެއާވީ ކޮޅުން ގުޅޭހިސާބު ކައިރިން ދިވެހިރާއްޖޭގެ އަޑު އެންޓަނާ ފީލްޑްގެ އިރުން ބޮޑުތަކުރުފާނު މަގުގައެވެ. މިފަދަ ތަނެއް މި ހައްދަވަނީ، ބްރިޖްގެ މަސައްކަތް ހިނގަމުންދާ މަންޒަރު ބަލާލުމަށް މި މަސައްކަތް ފެށީއްސުރެ ރެއާދުވާލު އެތައްބަޔަކު އެތަނަށް ޒިޔާރަތްކޮށް، ޝައުޤުވެރިކަމާއެކު އެ މަންޒަރު ބަލަމުންދާތީ އެފަދަ ފަރާތްތަކަށް ރައްކާތެރި އަދި ފަސޭއިން މަންޒަރު ފެންނާނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްޓަކައެވެ.
img:http://s1.psmnews.mv/images/660x400/14670466204944.jpg|ބްރިޖުގެ މަސައްކަތް ބަލާލުމަށް އާންމުންގެ ބަޔަކު މަޑުކޮށްލައިގެން - ފޮޓޯ: ޕީއެސްއެމް ނިއުސް
ޑިވޮލޮޕަރ ފައިނޭންސް އުޞޫލުން "ބްރިޖް ވިއުވިން ޕްލެޓްފޯމް" ހެދުމަށް ނިއުޕޯޓާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ޕްލެޓްފޯމް ޤާއިމްކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ހިންގާ މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ރައްޔިތުންނަށް ބަލާލުމުގެ ފުރުސަތު ހޯއްދަވައިދެއްވުން ކަމަށެވެ.
"މިއީ ޙަޤީޤަތުގައި ރާއްޖޭގައި ހިންގޭ ބޮޑު މަޝްރޫޢަކަށްވެފައި، މިކަން ހިގާގޮތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބަލާލުމަށް ފުރުޞަތު ދިނުމަށް. ޕްލެޓްފޯމް ފަރުމާކޮށްފައިވަނީވެސް ރައްޔިތުނަނަށް އެ ފުރުޞަތު ލިބޭ ގޮތަށް." ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14688633437392.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް
މި ޕްލެޓްފޯމަކީ އެއްފަހަރާ 350 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ކުޑަކުދިންގެ ޕްލޭ އޭރިއަކާއި، ޕާރކިން ޒޯނެއްވެސް ހިމެނޭ ގޮތަށް ހަދާ މިތަނުގައި ކެފެޓީރިއާއެއްވެސް ހުންނާނެކަމަށް ނިއުޕޯރޓްގެ މެނޭޖިންގ ޑިރެކްޓަރ ޒާހިދު ރަމީޒް ވިދާޅުވިއެވެ.
"350 މީހުންގެ ޖާހަގަ ހިމެނޭނެ.. އެއްފަހަރާ 250 މީހުންނަށް ކޭޓަރ ކުރެވޭނެ.. ކައިރިން މަންޒަރު ބަލާލުމަށް ދެ ބައިނޮކިއުލަރ ހަރުކުރެވޭނެ." ނިއުޕޯރޓްގެ މެނޭޖިންގ ޑިރެކްޓަރ ޒާހިދް ރަމީޒް ވިދާޅުވިއެވެ.
ބްރިޖްގެ މާލެ ސައިޓް ކައިރިން މިކަމަށް ކަނޑައަޅުއްވާފައިވާ ބިން އަންނަ ހަފްތާތެރޭގައި ނިއުޕޯރޓާ ޙަވާލުކުރައްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ބިމުން ފެށިގެން 6 މީޓަރު އުސްކޮށް ހަދާ މި ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތް ފަށާތާ 3 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.