އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ކުލަބުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ. މުބާރާތުގެ ފުރަތަމަ ސެމީގަ ވާދަކުރާނީ ވިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކުލަބެވެ.
މާފަންނަ އެއްނަބަރު ޓާފްދަނޑުގައި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީއާ ވާދަކޮށް 5-0 ލަނޑުންނެވެ. މެޗަށް ނުކުތް އިރުވެސް ޕޮލިހުން ވަނީ މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުކޮއްފައެވެ.
އެހެން ކަމުން މެޗު ފެށީވެސް ޕޮލިސް ޓީމުން ބަދަލުތަކަކާ އެކުއެވެ. މި ހާފުގައި ޕޮލިސް ޓީމުގެ ނަސްރުﷲ ސައީދު އާއި އާޔަތުﷲ އިބްރާހިމް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގައި ފެނިގެންދިޔަ ފަސް ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި ކާމިޔާބުކޮއްދިނީ އަހުމަދު ޝާމްއެވެ. ޕޮލިސް ދެވަނަ ލަނޑު 36 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ އަހުމަދު ޝާހިދު ދިން ބޯޅައަކުން ކާމިޔާބު ކޮއްދިނީ އަލީ ރިޝްވާން އަހުމަދެވެ.
ފުލުހުން ޖެހި ތިންވަނަ ލަނޑު ރިޝްވާން ކާމިޔާބުކުރީ 41 ވަނަ މިނިޓުގައެވެ. ރިޝްވާންގެ އެހީތެރިކަމާ އެކު ފުލުހުންގެ ހަތަރު ވަނަ ލަނޑު މެޗުގެ 42 ޖަހައިދިނީ ހުސެއިން ނައީމެވެ. ފުލުހުން މެޗުގެ ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ 57 ވަނަ މިނިޓުގައި ޝާމެވެ.