ޓުއަރިޒަމް

އައިއެފްޓީއެމް ޓޮޕް ރެސާގައި ރާއްޖެއިން ބައިވެރިވެއްޖެ


ފަރަންސޭސިވިލާތުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރގައި ރާއްޖެއިން ބައިވެރިވަމުން އެބަދެއެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ، ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ފަރަންސޭސިވިލާތުގައި ބާއްވާ އެންމެ ބޮޑު ފެއަރ ކަމުގައިވާ، އިންޓަރނޭޝަނަލް ފްރެންޗް ޓްރެވަލް މާރކެޓް، އައިއެފްޓީއެމް ޓޮޕް ރެސާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 12 ފަރާތަކުން، މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރަޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ބައިވެރިވެއެވެ.

img:http://s4.psmnews.mv/images/660x400/14744698236738.jpg|ރެސާ ފެއަރގައި ބަހައްޓާފައިހުރި ރާއްޖޭގެ ސްޓޭންޑް- ފޮޓޯ: އެމްއެމްޕީއާރުސީ

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިމަހުގެ ވިހިން ތިރީހަށް ކުރިއަށްދާ އައިއެފްޓީއެމް ޓޮޕް ރެސާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން، ފެއަރ ކުރިއަށްދާ ކޮންވެންޝަން ސެންޓަރގެ ބޭރުގައާއި ވަންނަ ދޮރުކައިރީގައި ރާއްޖެއާގުޅޭ ބެނަރތައް ހަރުކޮށްފައިވާ ކަމަށާއި، އައިއެފްޓީއެމް ޓޮޕް ރެސާ ޑެއިލީ ނިއުސްގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މިއީ މިފެއަރ ބާއްވާ 38 ވަނަ އަހަރުކަމަށްވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފެއަރގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ޢަދަދު 30 އިންސައްތަ ވަނީ އިތުރުވެފައެވެ. މި ފެއަރއަށް ގިނަ އަދަދެއްގެ ފަރަންސޭސި ޓުއަރ އޮޕަރޭޓަރުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. މި ފެއަރގައި ރާއްޖެއިން ބައިވެރިވުމުން ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރުސީން ޤަބޫލްކުރެއެވެ.

img:http://s2.psmnews.mv/images/660x400/14744698019475.jpg|ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން، ފެއަރ ކުރިއަށްދާ ކޮންވެންޝަން ސެންޓަރުގެ ބޭރުގައާއި ވަންނަ ދޮރުކައިރީގައި ރާއްޖެއާގުޅޭ ބެނަރތައް ހަރުކޮށްފައި- ފޮޓޯ: އެމްއެމްޕީއާރުސީ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތަކަށް ބަލާއިރު، ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ދަށްވަމުންނެވެ. އެހެންނަމަވެސް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވަނީ ޕަބްލިކް ރިލޭޝަންސް އެޖެންސީއަކާ ޙަވާލުކޮށްފައެވެ. އަދި މިއަހަރުގެ މޭ މަހުގެތެރޭގައި ފަރަންސޭސިވިލާތުގެ 4 ސިޓީއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑް ޝޯއެއް ބާއްވާފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި ފަރަންސޭސިވިލާތް ހިމެނޭއިރު، މިދިޔަ އަހަރުގެތެރޭގައި އެޤައުމުން ރާއްޖެއަށް 42 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.