ތިމާވެށި

ފްރާންސްގައި ޑިސްޕޯސަބްލް ތަށި ބޭނުންކުރުން މަނާކޮށްފި


ޑިސްޕޯސަބްލް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ގޮތަށް ތައްޔާރުކުރާ ޕްލާސްޓިކް ޖޯޑާއި ތަށި ފްރާންސްގައި ބޭނުންކުރުން މަނާކޮށްފިއެވެ.  

މިއީ ޑިސްޕޯސަބްލް ތަށި ބޭނުންކުރުން މަނާކުރި ފުރަތަމަ ޤައުމެވެ. ފްރާންސްގައި އަލަށް އެކުލަވާލި ޤާނޫނެއްގައިވާ ގޮތުން ޑިސްޕޯސަބްލް ތަށި ހެދުމަށް ބޭނުންކުރާ ތަކެތީގެ ފަންސާސް އިންސައްތައަކީ ރައްކާތެރި ގޮތުގައި ނައްތާލެވޭ މައްދާތަކެއްކަމަށް ވާންޖެހެއެވެ. އަދި 2025 ވަނަ އަހަރާއި ހަމައަށްދާއިރު އެތަކެތީގެ ފަސްދޮޅަސް އިންސައްތައަކީ ރައްކާތެރި ގޮތުގައި ނައްތާލެވޭ މައްދާތަކެއްކަމަށް ވާންޖެހެއެވެ. މިއީ ތިމާވެއްޓަށްކުރާ ނޭދެވޭ އަޞަރު ކުޑަކުރުމަށް ފްރާންސްއިން މިދިޔަ އަހަރު ފެށި މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. 

ފްރާންސްގެ ޞިއްޙަތާއި ތިމާވެއްޓާއި ބެހޭ ޖަމްޢިއްޔާއަކުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފްރާންސްގައި ކޮންމެ ސިކުންތަކު ސަތޭކަ ފަންސާސް ޑިސްޕޯސަބްލް ތަށި ބޭނުންކުރުމަށްފަހު އުކާލައެވެ. މިއީ އަހަރު 4.73 ބިލިއަން ތަށްޓެވެ. މީގެ ތެރެއިން ދެވަނަ ފަހަރަށް ބޭނުންކުރަނީ އެންމެ ޕަސަންޓެެކެވެ. 

img:http://s2.psmnews.mv/images/660x400/14743749626137.jpg|އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ގޮތަށް ތައްޔާރުކޮށްފައިވާ ޑިސްޕޯސަބްލް ތަށިތަކެއް

ދުނިޔޭގެ ބައެއް އެހެން ޤައުމުތަކެކޭ އެއްގޮތަށް ފްރާންސްއިން ވަނީ ޖުލައިމަހު އާއްމު ވިޔަފާރިތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކޮށްފައެވެ. 2002 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އެންމެ ފުރަތަމަ މަނާކުރީ ބަންގްލަދޭޝްގައެވެ. އެއީ ފެންބޮޑުވުމުގެ ހާދިސާއެއްގައި ފެން ހިންދާ ނިޒާމްތަކުގެ ތެރެއަށް ކޮތަޅުތައް ވަދެ، މައްސަލަޖެހުނު ހިސާބުންނެވެ. 

ބައެއް ޤައުމުތަކުގައި ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު ޕްލާސްޓިކް ކޮތަޅަކަށް ލާނަމަ، އެކަމަށް ވަކި ފީއެއް ނަގައެވެ. މީގެ ސަބަބުން ބައެއް ޤައުމުތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރަމުންދިޔަ ނިސްބަތް ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ.