ޚަބަރު

ރޯދަމަހު ހަވީރު އުސްފަސްގަނޑު ފުރާލަނީ ޗާލު ގުޑިތަކުން


  • މި މަންޒަރު ބަލާލުމަށް ކޮންމެ ދުވަހަކު އެތައް ބަޔަކު އެއްވޭ

  • ކުޑަކުދިންގެ މެދުގައި މިހާރު މަޤުބޫލުކަމެއް

އަހަރުގެ އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހަކީ މާލޭގެ ވަކި ސަރަޙައްދުތަކަކަށް މީހުން ގިނައިން އެއްވާ މަހެކެވެ. އެގޮތުން ރަމަޟާންމަހުގެ ހަވީރުގެ ވަގުތުތަކުގައި ޕާކުތަކާއި، މައިޒާންތަކާއި، ހުސް ބިންތަކަށް މީހުން އެއްވެ އެކި ހަރަކާތްތަކުގައި ޝާމިލްވެއުޅެއެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ސަރަޙައްދަކީ މާލޭ އުސްފަސްގަނޑެވެ.

ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެވެސް ހަވީރުގެ ވަގުތަކީ މާލޭ އުސްފަސްގަނޑަށް ގުޑީގެ މޫސުމެއް އަންނަމަހެކެވެ. ރޯދަކުރުކުރުމަށް އެކި އުމުރުފުރައިގެ ގިނަ ބަޔަކު ގުޑި އެރުވުމަށް އެ ސަރަޙައްދަށް ގޮސް އުޅެއެވެ.

އުސްފަސްގަނޑުގައި ގުޑި އެރުވުމަށް އެ ސަރަޙައްދަށް ގިނައިން ދަނީ ކުޑަކުދިންނެވެ. އާއިލާއާއި ރަޙްމަތްތެރިންނާއެކު، އެކި ޑިޒައިންތަކަށް ފަރުމާކޮށްފައިވާ އެކި ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހޭ މަންޒަރު ބަލާލަން އެ ސަރަޙައްދަށް ދާ ކުދިންވެސް މަދެއްނޫނެވެ.

ރަމަޟާންމަހު ރޯދަކުރުކުރުމުގެ ގޮތުން ގުޑި އެރުވުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދިވެހިންގެ އާދައެކޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެކި އުމުރުފުރާގެ މީހުން މިކަން ކޮށްއުޅެއެވެ.

ހަވީރުގެ ވަގުތުގައި އުސްފަސްގަނޑަށް ގުޑި އެރުވުމަށް ނުވަތަ ވައިގެ ތެރޭގައި ގުޑި އުދުހޭ މަންޒަރު ބަލާލަން އެ ސަރަޙައްދަށް ގިނަ ބަޔަކު ދެއެވެ. މިއާއެކު، އެ ސަރަޙައްދުގައި މިހާރު އަންނަނީ ކުޑަކުދިންނާގުޅޭ ކުޅޭ ސާމާނާއި އެކި ޑިޒައިންތަކުގެ ގުޑިވެސް ވިއްކަމުންނެވެ.

ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުގައި އުސްފަސްގަނޑުން ފެނިގެންދާ މި މަންޒަރަކީ، އާއިލާތައް އެކުވެ، އިޖުތިމާއީ ގުޅުން ވަރުގަދަވެގެންދާ އުފާވެރި މަންޒަރެކެވެ.

ރަމަޟާން މަސްފަދަ ބަރަކާތްތެރި މަހެއްގެ މި ދުވަސްތަކުގައި ދީނީ އަޅުކަމަށް ޚާއްސަ އިސްކަމެއް ދިނުމާއެކު، ހަވީރުގެ ވަގުތުތަކުގައި ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ވަގުތު ހޭދަކުރާއިރު އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ނުވާފަދަ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކޮށް ވަގުތު ހޭދަކުރުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަން ކަންކަމެވެ.