ޚަބަރު

ބީއެމްއެލްގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު؛ ގިނަ މަޝްރޫޢުތަކާއެކު ރެކޯޑު މާލީ ނަތީޖާއެއް


  • ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 ވަނީ އިތުރުވެފައި

  • ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައި

​​​ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިނިމުނު އަހަރު، ރެކޯޑު އަދަދެއްގެ މާލީ ނަތީޖާއެއް ހާސިލްކޮށްފައިވާކަން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ މިދިޔަ އަހަރު ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއްކަމަށެވެ. ​
ބީއެމްއެލްއިން ވިދާޅުވީ 2025ވަނަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ބެންކަށް ލިބިފައިވާކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިޤްތިޞާދުގެ މުހިންމު ސިނާޢަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަމަށް އެބޭންކުން ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެ ދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ %16 އިތުރުވެފައިވެއެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

މިކާމިޔާބީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2025ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައި ވަރަށް މުހިންމު އަހަރެއްކަމަށެވެ. ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާޢީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން ސާބިތުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ބޭންކުން ހޯދި ރެކޯޑު ފައިދާއާއި، ބޭންކުގެ ތާރީޚުގައިވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިޤްތިޞާދު ކުރިއެރުވުމަށް ބީއެމްއެލްއިން ކުރަމުންދާ މުހިންމު މަސައްކަތްކަމަށް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

"ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތަޢާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް، އެމީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް." ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ގާއިމްކުރުމެވެ. މި މަޝްރޫޢަށް ރާއްޖެއާއި ބައިނަލްއަގުވާމީ ފެންވަރުގައި ޚާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލްއަށް ވަނީ ލިބިފައެވެ.

​​​ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތާއެކު ބޭންކުން ވަނީ ޑިޖިޓަލް ޚިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ހަލުވިކޮށްފައެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ޚިދުމަތްތަކެއް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މިހާރު ކުރެވޭނެއެވެ. މީގެ އިތުރުން، ބީއެމްއެލް އިން ވަނީ "ސްވައިޕް" ވޮލެޓް ތަޢާރަފުކޮށްފައެވެ. މިއީ %100 ދިވެހިން އުފައްދާފައިވާ، ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދުގެ ކުރިމަގުގައި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދޭނެ، އެކި ބާވަތުގެ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓެކެވެ.