މަސްތުވާތަކެތީގެ ވިޔަފާރިން މަންފާ ހޯދާ މީހުންނަށް، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާލުވެއްޖެއެވެ. ވަޒީރު ވަނީ ފުވައްމުލަކުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ޑްރަގްގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން، އެއިން ވިޔަފާރި މަންފާ ހޯދާ ބަޔަކަށް އަދުގެ ސަރުކާރުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.
ވަޒީރު މިހެން ވިދާޅުވީ ފުވައްލުކުގައި ޑްރަގް ނެޓްވޯކަށް ނިސްބަތްވާ މީހަކަށް، އެކަން ސާބިތުވެ 75 އަހަރުގެ ޖަލި ހުކުމެއް އިއްވުމާއި ގުޅިގެންނެވެ.
ޢަބްދުލްބާސިޠު(28 އަހަރު) ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. 2024 އޭޕްރީލް 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތީގެ ޓްރެފިކް ދަޢުވާ ސާބިތުވެ އޭނާގެ މައްޗަށް 75 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ވަޒީރު ވަނީ މި އޮޕަރޭޝަން އަދި ތަހުގީގުގެ މަސައްކަތްކުރެއްވި އެންމެހާ ފުލުހުންނާ ޕްރޮސެކިއުޓަރުންގެ މަސައްކަތް ފާހަގަކުރައްވާފައެވެ.
ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުން ހުއްޓުވުމުގައި ގިނަ ކާމިޔާވީތަކެއް ހޯދަމުންދާއިރު މަސްތުވާތަކެތީގައި ވިޔަފާރީގާއި ޝާމިލުވާ މީހުންނަށް ހަރުކަށި އަދަބު ދަނީ ކަނޑައަޅަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް، މަރުގެ އަދަބު އެފަދަ މީހުންނަށްދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ.
މިދިޔަ އަހަރު ނިމުނުއިރު މަސްތުވާތަކެއްޗާ ގުޅޭ 600އަށްވުރެ ގިނަ މައްސަލަ ތަޙުޤީގުކުރަމުން ދިޔައިރު، 335 މައްސަލަ ޕީޖީއަށް ފޮނުވާފަވެއެވެ. އަދި މަސްތުވާތެކެތި ކަރޓެލްގެގެ ގޮތުގައި ހިންގާ 11 ތަނެއް ބަންދުކޮށްފަވެއެވެ.
މިދިޔަ އަހަރު 500 ކިލޯއެއްހާ މަސްތުވާތަކެތި، އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވެއެވެ.