ތަރައްްޤީ

މިއަހަރު ނިމެންވާއިރަށް 6 ރަށެއްގެ ފެނާއި ނަރުދަމާ ނިންމަނީ


މިއަހަރު ނިމެންވާއިރަށް 6 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، އެންވަޔަރަމަންޓް މިނިސްޓްރީއާ ޙަވާލުކުރެވޭނެކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފި.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑަބްލިޔުއެސްސީން ގެންދަނީ ތަރައްޤީގެ ތަފާތު ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. އެމްޑަބްލިޔުއެސްސީއަކީ ސަރުކާރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ޤާއިމްކޮށްދެއްވާ ފެނާއި ނަރުދަމާގެ މަސައްކަތް އެންމެ ގިނައިން ޙަވާލުކުރައްވާފައިވާ ކުންފުންޏެވެ. ފެނާއި ނަރުދަމާއާ ގުޅުންހުރި 30 މަޝްރޫޢެއް މިހާރުވެސް އެކުންފުނިން ގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންނެވެ. އޭގެތެރެއިން 6 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމައި، މިއަހަރު ނިމުމުގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީއާ ޙަވާލުކުރެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ. އެ 6 ރަށަކީ ހއ. ކެލާ، ށ. ކަނޑިތީމް، ށ. މިލަންދޫ، ރ. އަލިފުށި، ތ. ދިޔަމިގިލި އަދި ދ.މާއެނބޫދޫއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނިން ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ރަށްރަށުގެ ރައްޔިތުންގެ އެއްބާލުން ބޭނުންވާކަމަށާއި، ހިތްހަމަނުޖެހޭ ކަމެއް ދިމާވިޔަސް މަޝްވަރާކޮށްގެން އެކަން ޙައްލުކުރެވޭނެކަމަށެވެ.

"އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރާ ކޮންމެ ޕްރޮޖެކްޓެއް މިދަނީ ހަލުވިކަމާއެކު ކުރަމުން. މިއަހަރުވެސް 6 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ އެންވަޔަރަމަންޓް މިނިސްޓްރީއާއި ހަވާލުކުރާނަން. އަދި މިއަންނަ އަހަރުގެ ކުރީކޮޅުވެސް އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ ބައެއް ރަށްރަށުގެ މަސައްކަތް ނިންމައި އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލުކުރެވޭވަރު ވާނެ" ފަޒުލް ރަޝީދު ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިއަށް އޮތް ތަނުގައި، އެއްވަގުތެއްގައި 45 މަޝްރޫޢު ހިންގޭފަދަ ޤާބިލް ކުންފުންޏަކަށް އެކުންފުނި ހަދަން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. މީގެއިތުރުން ރަށްތަށުގައި މަޝްރޫޢުތައް ހިންގާއިރު އެރަށެއްގެ ރައްޔިތުން އެދޭކަންތައް އެކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކޮށްދެމުން ގެންދަވާކަންވެސް ފަޒުލް ފާހަގަކުރެއްވިއެވެ.