ޚަބަރު

ވަރުވާއަށް ދޫކުރާ 50 ރަށުގެ ތެރޭގައި މާވަަރުލު ނުހިމެނޭ


ގދ. އަތޮޅުގެ ފަޅުރަށްރަށުގެ ތެރެއިން ބީލަމުގެ އުޞޫލުން ވަރުވާއަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 50 ރަށުގެ ތެރެއިން، ގދ. މާވަރުލު ބީލަމުގެ އުޞޫލުން ދޫކުރެއްވުމަށް ހަމަޖެހިފައިނުވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިމަހުގެ 7 ވަނަ ދުވަހު ކުރައްވާފައިވާ އިޢުލާނުގައި ގދ. އަތޮޅުން ވަރުވާއަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 50 ރަށުގެ ތެރޭގައި މާވަރުލު ހިމަނުއްވާފައިވީނަމަވެސް، އެމިނިސްޓްރީން މިއަދު ކުރައްވާފައިވާ އިޢުލާނެއްގައި ގދ. މާވަރުލު ބީލަމުގެ އުޞޫލުން ދޫކުރެއްވުމަށް ހަމަޖެހިފައި ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީން މިގޮތަށް ވިދާޅުވެފައިވާއިރު، ގދ. މާވަރުލުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.

ގދ. އަތޮޅުން ވަރުވާއަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ފަޅުރަށްރަށުގެ ތެރެއިން 50 ރަށް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް، މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކު ފިޝަރީޒް މިނިސްޓްރީން ބިޑްފޯމް ވިއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ބިޑް ފޯމެއްގެ އަގަކީ 20 ރުފިޔާ ކަމަށާއި، މަޢުލޫމާތުދިނުމުގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގގެ 8 ވަނަ ފަންގިފިލާގައިކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، 17 އޮކްޓޯބަރު ވާ ހޯމަދުވަހު ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.