ޚަބަރު

ރަމަޟާން މަހު ރޯދަ ހިފުމުގެ ހިކުމަތް


  • ރަމަޟާން މަހު ރޯދަ ހިފުމުގެ ފަހަތުގައިވާ އިލާހީ ހިކުމަތްތައް ގިނަ

  • ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައި

ރަމަޟާން މަހު ރޯދަ ހިފުމުގެ ފަހަތުގައިވާ އިލާހީ ހިކުމަތްތައް ގިނަގުނައެވެ. އަދި އެއީ ކީރިތި ޤުރުއާނާއި، ސުންނަތުން ވަރަށް ފުރިހަމައަށް ބަޔާންވެގެންވާ ކަންކަމެވެ. މިއީ މުއުމިނާގެ ދަރަޖަ މަތިވެރިކުރުމަށްޓަކައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ފުރިހަމަ ރޫޙާނީ، އަޚްލާޤީ އަދި އިޖުތިމާޢީ ތަރުބިއްޔަތެކެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ."(އަލްބަޤަރާ 2:183)

އިސްވެ ދިޔަ އާޔަތުގައި އަންގަވާފައިވާ އިލާހީ އިރުޝާދުންވެސް ހާމަވާ ގޮތުގައި އެކަލާނގެ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައެވެ. މިހެންކަމުން ފަޖުރުލީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއުންބުއިމާއި އެނޫންވެސް ކަންކަމުން ދުރުހެލިވެ ހުރުމަކުން އަދި ރޯދައިގެ މަތިވެރިކަން ހާސިލުވީ ކަމުގައި ބެލެވޭކަށް ނެތެވެ.

މާތް ﷲ އަށް ބިރުވެތިވުމާ ދީންވެރިކަމާއި، ﷲ ތަޢާލާގެ ކޯފާއިން ރައްކާތެރިވުމަކީ ރޯދައިގެ މައިގަނޑު މަޤްޞަދެވެ. ރޯދައިގެ ސަބަބުން ނަފްސުގެ އެދުންތައް ބަލިކަށިވެ، ބަނޑުހައިހޫނުކަމާއި ކެތްތެރިކަން އިސްކުރުމުން، މުއުމިނާ އޭނާގެ ނަފުސުގެ މައްޗަށް ބާރު ފޯރުވަން ދަސްވެ، ކޮންމެ ވަގުތެއްގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އެކަލާނގެ ރަޙުމަތުގެ މައްޗަށް އުއްމީދު ކުރާނެއެވެ.

އިބްނުލް ޤައްޔިމް ފަދަ އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ރޯދައިގެ ސަބަބުން ނަފްސު އެދުންތަކުން ދުރުކޮށްދީ، އަދި ކާމިޔާބީއަށް މަގުފަހިކޮށްދެއެވެ. އެއީ ހިތް މަޑުމޮޅިކޮށްދީ، ނަފުސު ތާހިރުކޮށް، ޝުކުރުވެރިވުން އިތުރުކޮށްދޭ ކަމެކެވެ. އަދި ފަޤީރުންނަށް އެހީވުމަށް ހިތްވަރުލިބި، ދުޢާކުރުން އިތުރުވެ، ދުނިޔެވީ އެދުންތައް ކުޑަވެ ހެޔޮ އަމަލުތައް ގިނަވެގެންދެއެވެ.

އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި، ރޯދައިގެ ސަބަބުން ހިތް ސާފުވެ، ﷲ އަށް ކިޔަމަންތެރިވުމަށް މަގުފަހިވެއެވެ. ރޯދަ ހިފުމަކީ ނަފްސަށް ހަގީގީ ހިތްހަމަޖެހުން ގެނެސްދޭ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މުހިންމު ރޫޙާނީ ހިކުމަތްތަކާއި ފައިދާތައް

* ތަޤުވާވެރިކަން ހާސިލުވުމާއި ފާފަތަކުން ރައްކާތެރިވުން:
ރޯދަވެރިޔާ ފާފައަކަށް އަރައިގަންނަން އުޅޭ ކޮންމެ ހިނދަކު "އަހަރެން މިހުރީ ރޯދައަށޭ" ބުނާ ބުނުމަކީ އޭނާ އެކަމުން ދުރުކޮށްދޭ ހަނދާންކޮށްދިނުމެކެވެ.
* ނަފްސު ތާހިރުކުރުން (ތަޒްކިޔަތުއް ނަފްސު):
ހަށިގަނޑު ހުސްކޮށް ބެހެއްޓުމުން ހިތް މަޑުމޮޅިވެ، އިލާހީ ނޫރު ލިބުމަށް ފަސޭހަވެއެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން އަހަރެމެންނީ ﷲ އަށް ބޭނުންޖެހިފައިވާ ބައެއްކަން ހަނދާންކޮށްދީ، ދުނިޔެވީ ދަހިވެތިކަން ކަނޑުވައިލަދެއެވެ.
* ޝުކުރުވެރިވުމާއި ހަމްދަރުދީ:
ވަގުތީ ބަނޑުހައިހޫނުކަމުގެ ސަބަބުން ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން އެނގެއެވެ. އަދި ބަނޑުހައިހޫނުކަން ތަހައްމަލުކުރާ ފަޤީރުންނަށް ހަމްދަރުދީވުމުގެ ރޫޙު އާލާވެ، ޞަދަޤާތް ދިނުން އިތުރުވެއެވެ.
* ކެތްތެރިކަމާއި އަޒުމް ވަރުގަދަވުން:
ހުއްދަ ކަންތައްތަކުން ދުރުހެލިވުމަށް އަމިއްލަ ނަފްސު ހޭނުވުމަކީ، ހަރާމް ކަންތައްތަކުން ދުރުހެލިވުމަށް ލިބޭ ތަމްރީނެކެވެ. މިއީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ.

ރަމަޟާން މަހަކީ ޤުރުއާން ބާވައިލެއްވި މަހެވެ. ރޯދައިގެ ސަބަބުން ނަމާދާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު އަދި ދުޢާކުރުމަށް ޝައުޤުވެރިކަން އިތުރުވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އީމާންކަމާއެކު ދަރުމައަށް އެދިގެން ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެއެވެ." (ބުޚާރީ އަދި މުސްލިމް).
މީހަކު ސިއްރުގައި ހުރެ ފާފައަކަށް އަރައިނުގަނެ ރޯދައަށް ހުރިކަން އެނގޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. މިއީ އިޚްލާޞްތެރިކަމުގެ އެންމެ މަތިވެރި ނަމޫނާއެވެ. މިހެންކަމުން ޚުލާޞާގޮތެއްގައި ދަންނަވަނީނަމަ، ރަމަޟާން މަހުގެ ރޯދައިގެ ހިކުމަތަކީ އިލާހީ ރަޙުމަތެވެ. އެއީ ނަފްސު އާކޮށްލައި، އީމާންކަން ވަރުގަދަކޮށް، ފާފަތަކުން ސާފުވެ، ކުރިއަށް އޮތް އަހަރަށް ތަޤުވާވެރިކަމުގެ ތަމްރީނު ލިބިދޭ "ރޫޙާނީ ތަރުބިއްޔަތެކެވެ".