ޓުއަރިޒަމް

މަޓާޓޯ ޓްރެވަލް އެވޯޑަށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑަށް ކުރިމަތިލި ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ، މަޓާޓޯ ޓްރެވެލަ އެވޯޑަށް މިއަހަރު ރެކޯޑް އަދަދަކަށް ނަން ހުށަހަޅާފައިވެއެވެ. އެގޮތުން މި އެވޯޑުގެ 35 ކެޓަގަރީއަށް 246 ފަރާތަކުން ކުރިމަތިލާފައިވާކަމަށް މަޓާޓޯއިން މަޢުލޫމާތުދެއެވެ.

މަޓާޓޯއިން ބުނާގޮތުގައި، އެވޯޑަށް ކުރިމަތިލި ފަރާތްތަކަށް، އެވޯޑަށް ޚާއްޞަ ކޮށްފައިވާ ވެބްސައިޓް ( www.travelawards.mv ) އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓްލެވޭނެ ކަމަށް މަޓާޓޯއިން ބުނެއެވެ. އެސްއެމްއެސް މެދުވެރިކޮށް ވޯޓު ލާނެ ގޮތުގެ ތަފްޞީލްވެސް އެ ވެބްސައިޓުގައި ހިމަނާފައިވެއެވެ.

އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަނޑިޔާރުންގެ 75 އިންސައްތަ، އަދި ޢާއްމުންގެ ފަރާތުން ލިބޭ ވޯޓުގެ 25 އިންސައްތައިގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެތެރޭގައެވެ.

މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންތިޒާމްކުރާނީ ތިންކް އެޑްވަރޓައިސްމަންޓްގެ ފަރާތުންނެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ 5 ވަނަ އަހަރެވެ.