ޚަބަރު

ޕާކު ތަރައްޤީކުރަން ބޭނުންވާ ސާމާނު 14 ރަށަކަށް


  • ޕާކުތައް ތަރައްޤީކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށްގެން

  • މިއަހަރުގެ ނިޔަލަށް ޕާކު ނެތް ރަށްތަކުގައި ޕާކު ތަރައްޤީކުރާނެ

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް، 14 ރަށެއްގައި ޕާކު ތަރައްޤީކުރުމަށް ބޭނުންވާ ޕާކް ސެޓުތައް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

މިމަސައްކަތް ކުރަމުންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވުޒާރާއިންނެވެ.

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ނުކުތް ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ އެ ކުދިން ކުޅެލާނެ ޕާކެއް ނެތިގެން އެ ވާހަކަ ރައީސުލްޖޫމްހޫރިއްޔާއަށް ވަނީ ދަންނަވާފައެވެ.

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިމަސައްކަތުގެ ދަށުން 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރާނެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް 14 ރަށަކަށް ބޭނުންވާ ޕާކު ސެޓުތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއީ 6 އަތޮޅުގެ 14 ރަށެއް ކަމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެންމެ ގިނަ ސެޓުތައް ފޮނުވާފައިވަނީ ނ. އަތޮޅުގެ ރަށްތަކަށެވެ. އެއަތޮޅުގެ 7 ރަށަކަށް ޕާކު ސެޓު ފޮނުވާފައިވެއެވެ.

ޕާކް ސެޓުތައް ފޮނުވި ރަށްތައް

1 - ށ. ކޮމަންޑޫ
2 - ށ. ފީވައް
3 - ނ. މާޅެންދޫ
4 - ނ. މަނަދޫ
5 - ނ. ކުޑަފަރީ
6 - ނ. ހެނބަނދޫ
7 - ނ. ކެނދިކުޅުދޫ
8 - ނ. ފޮއްދޫ
9 - ނ. ވެލިދޫ
10 - މ. ވޭވަށް
11 - މ. މަޑުއްވަރީ
12 - ފ. ނިލަންދޫ
13 - ތ. ބުރުނީ
14 - ހދ. ފިނޭ

ކުޑަކުދިންގެ ޕާކު ތަރައްްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ހިމެނެއެވެ.

މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ 6 ރަށަކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން މަސައްކަތްކުރިއަށްގެންދާ 4 ރަށަކަށްކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް 3 އެސްއޯއީއަކާއެކު މިދިޔަ އަހަރުގެ މާރިޗުގެ 29ގައި ސޮއިކުރެވިފައިވާއިރު، ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިދިޔަ އަހަރު ނޮވެމްބަރ 10 ގައި ވަނީ ސޮއިކޮށްފައެވެ. ބާކީ 8 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތައް ކަމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ކުޑަކުދިން ޕާކު ނެތް ކޮންމެ ރަށެއްގައި ޕާކުތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.