ޚަބަރު

ވޯޓު ލާތަން ބަދަލުކުރުމުގެ ފަހު ފުރުޞަތު މާދަމާ ހަމަވާނެ


  • ޚިޔާލު ހޯދުމުގެ ވޯޓު ނަގާނީ ކައުންސިލް އިންތިޚާބުގެ ވޯޓާއެކު އެޕްރީލް 4ވަނަ ދުވަހު

  • ރީ-ރަޖިސްޓްރީވުން މާދަމާގެ މެންދުރުފަހު 3:00އާ ހަމައަށް ހަމަވާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު އަދި މަޖިލިސް އިންތިކާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު މަދަމާ ހަމަވާނެއެވެ.

އަންނަ އޭޕްރީލްމަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓު ލާން ހަމަ ޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ދެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓަރ ވާން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. 3 ވޯޓުގެ މުއްދަތުވެސް މާދަމާގެ މެންދުރުފަހު 3:00އާއި ހަމައަށް މުއްދަތު ހަމަވާނެއެވެ.

ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ވިދާޅުވިއެވެ.

ޤާނޫނޫ އަސާސީއަށް ގެންނަ 8ވަނަ އިސްލާހު ތަސްދީޤު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓު ނަގާއިރު، މި ވޯޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ޤާނޫނުއަސާސީއަށް އެ އިޞްލާޙުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގެ ދަށުން އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިޞްލާޙުތަކެކެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ޙާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ޚިޔާލު ހޯދުމުގެ ވޯޓުގެ ރަސްމީ ނަތީޖާ އަންނަ އޭޕްރީލް މަހުގެ 11ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށް ޓަކައި ނަގާ ވޯޓެއްގައި، އެ އިޞްލާޙު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ އިޞްލާޙެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.