ނ.އަތޮޅު ކެނދިކުޅުދޫއަކީ އާބާދީގައި 2000އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. 5 ކިލޯމީޓަރުގެ މިރަށުގައި މީހުން ދިރިއުޅެނީ ރަށުގެ ދެ ކޮޅުގައި އޮންނަ ދެ އަވަށުގައެވެ.
ކެނދިކުޅުދޫގެ ތަރައްޤީއަށް ޢުމްރާނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެރަށުގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ބޮޑު މަސައްކަތަކީ ރަށުގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލެވެ.
އާބާދީ ބޮޑު މި ރަށުގައި މިހާތަނަށް ޚިދުމަތްތައް ދެމުން އައީ ޖާގަ ކުޑަ، ސިއްޙީ މަރުކަޒަކުންނެވެ.
ހޮސްޕިޓަލްގެ އާ އިމާރާތަށް ބަލާލާއިރު އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. އާ އިމާރާތާއެކު ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރެވި، އާ ޚިދުމަތްތައް އެ ރަށަށް ތައާރަފުވެގެން ދާނެއެވެ. އަދި މި ރަށާއި ދާއިރާގެ އެހެން ރަށްތަކަށްވެސް އޭގެ މަންފާ ލިބޭނެއެވެ.
"އަމިއްލައަށް ލޯންޗެއް ނަގާނަނަމަ 4000އެއްހާ ރުފިޔާ ހޭދަކޮށްގެން ހޮސްޕިޓަލްގެ ޚިދުމަތް ހޯދަން ދާންޖެހެނީ. އޭގެ ތަކުލީފު ވަރަށް ބޮޑު. އަމިއްލަ ރަށުގައި ސިއްޙީ ޚިދުމަތް ފުޅާވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް." ރަށުގެ ރައްޔިތަކު ފާހަގަކުރިއެވެ.
ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ގުޅޭ މަސައްކަތްތައްވެސް މިހާރު ވަނި ފަށާފައެވެ. އަޑިގުޑަން ބޮޑުވުމާއި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވާ މައްސަލައަކީ ރަށުގެ ރައްޔިތުންގެ ޝަކުވާ އޮތް މައްސަލައެކެވެ.
މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ. އޭގެދަށުން ރަށުގެ މައި ބޮޑު މަގު، 1.5 ކިލޯމީޓަރުގެ ސަރަހައްދު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. އަދި ރަށުގައި އާއްމުކޮށް ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާ މައި މަގުތައްވެސް ތަރައްޤީކުރާނެއެވެ.
މި މަސައްކަތުގެ ދަށުން މަގު ހެދުމުގެ ޕްރީ ކާސްޓް މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
މި މަސައްކަތްތަކުގެ އިތުރުން އެރަށު ބަނދަރު ބޮޑުކޮށް، ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްގެން ދަނީ ކުރިއަށްގެންދަމުންނެވެ. މި މަސައްކަތުގެ %50އެއްހާ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އަދި ރަށުގެ ދެ އަވަށުގައި އާ ދެ ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިހާރު ބެނުންކުރަމުންދާ ދެ ޖެޓީ ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.
މިއީ ލަފާ ފުރުމުގައި ދެ އަވަށުގެ ރައްޔިތުންނަށް ފަސޭހަކުރުމަށް ހަދާ ދެ ޖެޓީއެވެ. މިއީ 45 މީޓަރުގެ ޖެޓީއަކާއި 80 މީޓަރުގެ ޖެޓީއެކެވެ. މި މަސައްކަތުގެވެސް ޕްރީ ކާސްޓިންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރު ވަނީ ފަށާފައެވެ. މި ޖޫނިއަރ ކޮލެޖުގައި މަތީ ފަންތީގެ ޓުއަރިޒަމް ކޯސްތަކާއި އެހެނިހެން ދާއިރާތަކުގެ ކޯސްތައް ކުރިއަށްގެންދާނެއެވެ.