އައްޑޫ ސިޓީ މަރަދޫ ބޮނޑޮގޭއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅުގައި އޮތް އިނގިރޭސި ލަޝްކަރުގެ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަން 1943 ވަނަ އަހަރު ހެދި އިމާރާތެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި ބޮނޑޮގޭ ވަނީ ތަފާތުކަންކަމަށް ބޭނުން ކޮށްފައެވެ.
އޭގެތެރޭގައި 1950 އިން 1957އަށް މަރަދޫ ރައްޔިތުންގެ މަދަރުސާ" މަދަރުސަތުލް އަފީފިއްޔާ ހިންގުމާއި 1959އިން 1963 އަށް އައްދައުލަތުއްސުވާދީބިއްޔާގެ ފަރާތުން އޭޓީސީގެ ނަމުގައި ވިޔަފާރި މަރުކަޒެއް ހިންގުން ހިމެނެއެވެ. މީގެއިތުރުންވެސް މުހިންމު ކަންކަމުގައި މިތަން ވަނީ ބޭނުންކޮށްފައެވެ. 2015 ވަނަ އަހަރު މި އިމާރާތަކީ އާސާރީ ތަނެއްގެ ގޮތުގަައި ކަނޑައަޅައި އެ އިމާރާތުގެ އާބާތުރަ ފިލުވުމަށްފަހު ހުޅުވީ 2016ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ގައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ މިތަން އަރޓް ގެލެރީއަކަށް ހެދުމަށް ނިންމާ މަސައްކަތް ފަށާފައެވެ. އެގޮތުން އިމާރާތުގެ އެތެރޭގެ އިންޓީރިއަރ ބަދަލުކޮށް އާޓް ގެލެރީއެއްގެ ސިފަ ވަނީ ޖައްސާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިތަނަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު ތަނަކަށް ވާނެކަމަށެވެ.
މިތަނުން އައްޑޫގެ ތާރީޚާއި ސަގާފަތް ފަތުރުވެރިންނާއި އެތަނަށް ޒިޔާރަތް ކުރާ އާންމުންނަށް ކިޔައިދޭނެއެވެ. އައްޑޫއަކީ ތާރީޚީ ގޮތުން މުއްސަނދި އަތޮޅަކަށްވާއިރު މި އާޓް ގެލެރީގައި އައްޑޫގައި އިނގިރޭސިން ވަޒަން ވެރިވެ ތިބި އިރުގެ ފޮޓޯތައްވެސް ވަނީ ދައްކާލަން ބަހައްޓާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އާޓް ގެލެރީ ހުޅުވަން ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އަމާޒަކީ އިދާރީގޮތުން ކުރަން ހުރި މަސައްކަތް ނިންމާ މި އާޓް ގެލެރީ އަވަހަށް ހުޅުވާލުންކަަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިތަން އެކި މައުރަޒުތައް ބޭއްވުމަށްވެސް ދޫކުރާނެކަމަށެވެ. ދިވެހި އެކި އާޓިސްޓުންގެ އެކި ހުނަރުވެރި މަސައްކަތްތައް ދައްކާލުމަށްވެސް މިތަން ބޭނުން ކުރެވޭނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިތަނުންވެސް އާމްދަނީ ލިބޭނެ މަގުފަހިވެގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
އައްޑޫއަކީ އާބާދީގޮތުން ރާއްޖޭގެ އެންމެ ބޮޑު ސަރަހައްދަށް ވާއިރު އަހަރަކު ހުރިހާ ހިސާބެއްގައިވެސް އައްޑުއަށް ފަތުރުވެރިން ގޮސްހަދައެވެ. އައްޑޫގެ ގުޅިފައިވާ ކޮންމެ ރަށެއްގައިވެސް އައްޑޫގެ ތާރީޚާ ގުޅޭ ކޮންމެވެސް ތަނެއް ހުރެއެވެ. އައްޑުއަށް ޒިޔާރަތްކުރާ ފަތުރުވެރިންނޭ އެއްގޮތަށް ދިވެހިންނަށްވެސް އެކަން ވަނީ ވަރަށް ޝައުގުވެރިތަނަކަށެވެ. އެހެންކަމަމުން އައްޑޫސިޓީ މަރަދޫގައި މިހުޅުވޭ އާޓް ގެލެރީ ވާނީ ފަތުރުވެރިންނާއި އާންމުންނަށްވެސް ވަރަށް ގަޔާވާނެތަނަކަށެވެ. މިފަދަ ތަންތަނަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ތަނަކަށް ވަރަށް މުހިންމު ތަންތަނަށްވާއިރު މިއީ އެކަން އިތުރަށް ފުޅާވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްކަން ޔަގީނެވެ.