އެޑްވަކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން "އަރކް" އިން، މި ރަމަޟާން މަހު ކާބޯތަކެތީގެ އެހީގެ ޕެކޭޖު 100 އާއިލާއަކަށް ދީފިއެވެ.
އެޑްވަކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން "އަރކް" އަކީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ ފަރާތުން މި ވޭތުވެދިޔަ 5 އަހަރުވެސް ވަނީ، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީ ފޯރުކޮށްދީފައެވެ. އެގޮތުން މި އަހަރުވެސް ވަނީ، 200 ކުދިން ހިމެނޭހެން 100 އާއިލާއަކަށް އަރކުގެ ފުޑް ޕެކޭޖު ހަދިޔާކޮށްފައެވެ.
މިއީ މި ރަމަޟާން މަހު، ކޮންމެ ކުއްޖަކާއި ކޮންމެ އާއިލާއަކީވެސް ފުދުންތެރިކަމާއެކު ކެއިންބުއިމުގެ ކަންކަން ގެންދެވޭ އާއިލާތައްކަން ކަށަވަރު ކުރުމަށް ދޭ އެހީގެ ޕެކޭޖުތަކެކެވެ.
މި ޕެކޭޖުތަކުގައި ޢާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބާވާތްތައް ހިމެނެއެވެ. އޭގެތެރޭގައި ހަނޑުލާއި، ފުށާއި، މުގު، ހިކި ކިރު، ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާވަތްތައް އަދި މި ނޫންވެސް ޢާންމުކޮށް ބޭނުންވާ ތަކެތި ހިމެނެއެވެ.
މި އެހީ ދިނުމުގެ ހަރަކާތަކީ، އަރކް އިން ކޮވިޑް19ގެ ދުވަސްވަރު، 2020ވަނަ އަހަރު ފެށި ހަރަކާތެކެވެ. އޭގެފަހުން އަރކްއިން އަންނަނީ، ކޮންމެ އަހަރަކުވެސް އާއިލާތަކަށް މި އެހީ ފޯރުކޮށްދެމުންނެވެ. މި އެހީ ދޭ އާއިލާތަކުގެ ތެރޭގައި އާމްދަނީ ދަތި އާއިލާތަކާއި، އެކަނިވެރި މައިން/ބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތައްވެސް ހިމެނެއެވެ.
މި ހަރަކާތުގެ މަޤުޞަދުތަކުގެ ތެރޭގައި ކޮންމެ އާއިލާއަކީވެސް ސިއްޙަތަށް ފައިދާހުރި، ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވާ އާއިލާތަކަށް ހެދުން ހިމެނެއެވެ.
އަރކްއިން މިފަހަރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އެހީތެރިކަމާއެކުގައެވެ.