ޚަބަރު

7 އަހަރުވީ ހުވަފެން، ގެޓްސެޓް ލޯނާއިއެކު ޙަޤީޤަތަކަށް!


ގެޓްސެޓް ލޯން ޕްރޮގްރާމަކީ، ޒުވާނުން ބާރުވެރިކުރުވުމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށާއި ޤައުމުގެ އިޤްތިޞާދުގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރެއްވުމަށް އަމާޒުކުރައްވައިގެން ހިންގަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރުތަމަ ފިޔަވަހީގެ ދަށުން 34 ލޯނު 72 ޒުވާނުންނަށް ދެއްވާފައިވެއެވެ. އަދި އެ ޒުވާނުން ވިޔަފާރި ފެށުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދެއްވުމުގެ އިންތިޒާމް ހަމަޖައްސަވައި، މަންފާހުރި ވިޔަފާރިތައް ފެށުމަށް މަގުދައްކަވައިދެއްވާފައިވެއެވެ.



ގެޓްސެޓް ލޯނުގެ ދަށުން ފެށި 34 ވިޔަފާރީގެ ތެރެއިން އެއް ވިޔަފާރިއަކީ، 4 ޒުވާނަކު ޙިއްޞާވެގެން ފެށި ގޭމްސް އެރީނާއެއް ހިންގުމުގެ ވިޔަފާރިއެވެ. މި ވިޔަފާރި ހިންގަން މި ޒުވާނުން އުފެއްދީ، ސޯޝަލް ގޭމާރސް ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏެކެވެ. ސޯޝަލް ގޭމާރސް އަކީ އެއްތަނެއްގައި ތިބެގެން ގިނަ ބަޔަކަށް ގޭމް ކުޅެލުމުގެ ފުރުޞަތު ހުޅުވާލާފައިވާތަނެކެވެ.

ޖުމްލަ 20 ބައިވެރިންނަށް ވަދެވޭ މި ގޭމްކުޅޭ ތަން، ކޮންމެ ދުވަހަކުވެސް އޮންނަނީ ފުލްވެފައެވެ. ގޭމްކުޅެން އަންނަ ކުދިންނަށް، އެއާބެހޭ މަޢުލޫމާތު ދީ، އަލަށް ގޭމް ކުޅެން އަންނަ ކުދިންނަށް ކުޅެން ދަސްކޮށްދީ، މި ކަންތައްތަކުގައި އިސްކޮށް އުޅެނީ ސޯޝަލް ގޭމާރސްގެ ޕާޓްނަރުންނެވެ.

ސޯޝަލް ގޭމާރސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަބީން ވިދާޅުވީ ގެޓްސެޓް ލޯނު އިޢުލާނުކުރެއްވިއިރު ރަޙްމަތްތެރިންނާއެކީ ގޭމިން އެރީނާއެއް ހުޅުވުމަށް ރާވަމުން އަންނަ ކަމަށެވެ.

ގެޓްސެޓް ޕްރޮގްރާމަކީ އަލަށް ވިޔަފާރިއެއް ފަށާ މިފަދަ ޒުވާނުންނަށް އިސްކަންދީގެން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވުމާއެކު ލޯނު އަދާކުރުމުގައިވެސް ވަރަށް ފަސޭހަ ގޮތްތަކެއްވަނީ ހަމަޖައްސަވާފައެވެ. މިގޮތުން އެއްއަހަރުގެ ގްރޭސް ޕީރިއަޑެއް ކަނޑައަޅުއްވާފައިވުމުން، ލޯނަށް ސީދާދައްކަންޖެހޭ ފައިސާ އެއް އަހަރު ފަހުން ދެއްކޭނެ މަގު ތަނަވަސްވެފައި އޮތުމާއެކު މިއީ ވަރަށް ބޮޑު ލުޔަކަށްވިކަމަށް ޝަބީން ވިދާޅުވިއެވެ.

"ގެޓްސެޓުން ކަނޑައަޅުއްވާފައިވަނީ ވަރަށް ފަސޭހަ ގޮތަކަށް.. އަޅުގަނޑުމެން އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކެއްވީމަ، އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ދީފަހުރޭ. އެހެންވީމަ ލޯނަށް ވާ ލާރި ދޭންޖެހޭނީ އެއް އަހަރުވުމަށްފަހު. ދެން ހަމަ އެކަނި ދައްކަން ޖެހޭނީ އެއަށް އަރާ އިންޓްރެސްޓް ރޭޓަށްވާ ލާރި.އެ ޕްރޮޕޯސަލް ލީމަ އަޅުގަނޑުމެންނަށް ލިބުނު އަށްލައްކަ ރުފިޔާ.. ތިބޭފުޅުންނަށް ތި ފެނިވަޑައިގަންނަވަނީ އެ އައްލަރުފިޔާގެ ލޯނުން އަޅުގަނޑުމެން ތިންމަސްދުވަސްތެރޭ ލިބިފައި ހުރި ކުރިއެރުން'' ޝަބީން ވިދާޅުވިއެވެ.

ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ފެށި ވިޔަފާރިތަކަށް މިއީ ފެށުމެއްކަމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތަކާއި ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލައި އެހީތެރިވުމަށް އެމިނިސްޓްރީ ވަރަށް ގާތުގައި އޮންނާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ސޯޝަލް ގޭމާރސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަބީން ވިދާޅުވީ އަލަށް ވިޔަފާރިއެއް ފަށާ ބަޔަކަށް މިނިސްޓްރީން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުންގެންދަވާކަމަށެވެ. މިގޮތުން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހުނަ ނުދޭކަމަށް ޝަބީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލަށް ފަށައިގަންނަ ބަޔަކަށްބަލާފަ މިނިސްޓްރީން ވަރަށް ގާތްކޮށް މިކަންތައް ބައްލަވާ. އެންމެ ކުޑަކަންތަކުންފެށިގެންވެސް. އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން އެހީތެރިކަން ދެއްވަމުން އެ ގެންދަވަނީ'' ޝަބީން ވިދާޅުވިއެވެ.

ޒުވާނުން ޢުމުރުގައި ބޭނުންވާ ހުވަފެން ޙަޤީޤަތަކަށްވުމުން، ޝަބީންމެންގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކުރާނެ ޒުވާނުން، އެ ކުންފުނީގެ ދަށުން އުފެދިގެން ދިއުމެވެ.

ތަފާތު އެކި ޕެކޭޖްތައްވެސް ތަޢާރަފްކޮށްގެން ހިންގާ މި ސޯޝަލް ގޭމާރސް މިއަށްވުރެ ބޮޑަށް ފުޅާކުރުމަށް، ގިނަ ޕްލޭންތަކެއް ހެދިފައިވާކަން އެ ކުންފުނީގެ މެނޭޖަރ އަދި ޕާރޓްނަރެއްކަމުގައިވާ އިބްރާހީމް ޝައްފާފް ވިދާޅުވިއެވެ. އެތަން އަބަދުވެސް އޮންނަނީ ފުލްކޮށްކަން އޭނާ ފާހަގަކުރެއްވިއެވެ.

''ހަވަރަކަށް އަހަރުފަހުން މިތަން މި ހުޅުވިގެން މިދިޔައީ. ދިޔައިރު ކޮންމެ ދުވަހަކުވެސް މިދަނީ ފުލްކޮށް. އެކަމަކު މިތާނގައި އެހާ ޖާގަނެތް. އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އިތުރށް ފުޅާކުރުމަށް، އެކި ޕްލޭންތައްވެސް ރޭވިފައިވަނީ.'' ޝައްފާފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނުން މި ލޯނު ނަގާފައިވާއިރު ތަފާތު އެކި ދާއިރާތަކުގެ ވިޔަފާރިތައް ޒުވާނުން ވަނީ ހުށަހަޅާފައެވެ. ގެޓް ސެޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނު ދައްކާ ޚަލާޞްކުރުމަށް 9 އަހަރުގެ މުއްދަތެއް ދެއްވާފައިވާއިރު 1 އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ވަނީ ދެއްވާފައެވެ. މާލީ ދަތިތަކާއި އަދި އެނޫންވެސް އެކި ދަތިތައް ހުރުމުގެ ސަބަބުން ވިޔަފާރިއަށް ނުފެށި ތިބި ޒުވާނުންތަކެއްގެ އުއްމީދު މިވަނީ ގެޓްސެޓް ޕްރޮގްރާމާއެކު އާވެފައެވެ.

ޒުވާނުން ބާރުވެރިކުރެއްވުމުގެ ގޮތުން ޒުވާނުންނަށް ހުރި ފުރުޞަތުތައް ފަސޭހަކަމާއެކު އެ ފުރުޞަތުގެ ބޭނުންކުރެވޭ ގޮތަށް ހުޅުއްވާލެއްވި ގެޓްސެޓް ޕްރޮގްރާމަކީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުއްވާލެއްވި ޕްރޮގްރާމެކެވެ.

ގެޓްސެޓް ލޯނު ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރެވިފައިވުމާއެކު ގެޓްސެޓް ލޯންގެ ދެވަނަ ފިޔަވައްސެއް ލަހެއް ނުވެ ފެއްޓެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާކަން މިނިސްޓްރީ އޮފް  އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ ހާމަކުރައްވާފައެވެ.