މިއަހަރުގެ ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ވަނީ، މާލޭގެ އެންމެ ބާރު ބޮޑުވާ އެއް ސަރަޙައްދު ކަމުގައިވާ، ބާޒާރު މަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.
މިއާއެކު އެސަރަޙައްދުގައި އާންމުކޮށް ރަމަޟާން މަސްތަކުގައި ކުރިމަތިވާ ޓްރެފިކްގެ މައްސަލަ މިއަހަރު ކުރިމަތި ނުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަގުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލާފައިވާއިރު، މަގުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު ބާޒާރު މަތީގެ ޓްރެފިކްގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އިރާދަކުރެއްވިއްޔާ މި ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލަައަށް ބޮޑު ލުޔެއް ލިބިގެންދާނެ. pic.twitter.com/00AEeFslAl
— Dr Mohamed Muizzu (@MMuizzu) February 17, 2026
ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާއި، ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި މިސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާއިރު، އެސަރަޙައްދު ފެހި ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވެއެވެ.
ބާޒާރުމަތީ މަގަކީ، ރަމަޟާން މަހު ވަރަށް ބޮޑަށް ބާރު ބޮޑުވާ ސަރަޙައްދެކެވެ. މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރުމާއި، މާރުކޭޓަށް ކާބޯތަކެތި ގަންނަން ދާ ފަރާތްތަކާއި އެސަރަޙައްދުގައި ހުރި އެކި ވިޔަފާރިތަކަށް ދާ އާންމުންނާއެކު ބާޒާރުމަތީގެ ކާރޫބާރޫ ބޮޑުވެ، ހުރިހާ ފަރާތްތަކަށްވެސް ތަކުލީފު ބޮޑުވެއެވެ. އެހެންކަމުން ކޮންމެ ރަމަޟާން މަހެއްގައިވެސް ބާޒާރުމަތީގެ ޓްރެފިކް މޮނީޓަރކޮށް ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަން ޖެހެއެވެ. އެހެންކަމުން އަލަށް ބާޒާރު މަތީގެ މަގަށް ގެނައި ބަދަލާއެކު އެސަރަޙައްދު ބޭނުން ކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.