ތިމާވެށި

70 ރަށަކުން ރަށްގިރުމުގެ މައްސަލަ ރިޕޯޓް ކޮށްފައިވޭ- މިނިސްޓަރ


ރާއްޖޭގެ 70 ރަށަކުން ރަށްގިރުމުގެ މައްސަލަ ރިޕޯޓް ކޮށްފައިވާކަމަށާއި އެރަށްރަށް ސާރވޭކުރެއްވުމުގެ މަސައްތައް ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރަށްގިރުމުގެ މައްސަލަތައް ޙައްލުކުރެއްވުމަކީ ސަރުކާރުން އިސްކަމެއްދެއްވާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިރާސާތަކުން ދައްކާގޮތުން ރަށްގިރުމުގެ މައްސަލަ އެންމެ މައިގަނޑު ސަބަބަކީ ރަށާ ގުޅިފައިވާ ޤުދުރަތީ ފަރަށް އެކި ބޭނުންތަކުގައި ގެންނަ ބަދަލުތަކެވެ. މީގެތެރޭގައި ރަށްރަށުގެ ބަނދަރުފަދަ ތަންތަން ހެދުމާއި ނެރުކެނޑުން ހިމެނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބަން ރަށުގެ ނުވަތަ ފަޅު ވަށައިގެން ދައުރުވާ ވެލިތައް ދައުރުވުމަށް ހުރަސްއެޅި ރަށް ގިރުމަށް މަގުފަހިވެއެވެ.

ކުރިއާ އަޅާބަލާއިރު ރަށްގިރުމުގެ މައްސަލަޔަކީ މިހާރު ރާއްޖޭގެ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރެއްވުމަށްޓަކައި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގެންދަވަނީ ތަފާތު މަޝްރޫޢުތައް ހިންގަވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ރަށްގިރުމުގެ މައްސަލަތައް ޙައްލުކޮށްދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއްކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް މި މައްސަލަ ދިމާވެފއިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ގާތްގަނޑަކަށް 70 ރަށުން ރަށްގިރުމުގެ މައްސަލަ އެމިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އެމިނިސްޓްރީގެ ސާރވޭ ޓީމްތައް އެރަށްރަށަށް ފޮނުއްވައިގެން އެ ކަންތައްތައް ބައްލަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ތާރިޤް ވިދާޅުވީ، މިކަމަކީ ބޮޑު ޚަރަދެއް ހޭދަވާ ކަމަކަށް ވުމުން ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢު އެއްފަހަރާ ހުރިހާ ރަށެއްގެ ކުރިއަށް ނުގެންދެވޭކަމަށާއި ނަމަވެސް މި މަޝްރޫޢު ހިންގަވާއިރު މީހުންގެ މުދަލަށާއި ގޯތި ގެދޮރަށް އޭގެ ސަބަބުން ގެއްލުންވާ ރަށްރަށަށް އިސްކަން ދެއްވާކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް އެބަހުރި ގާތްގަނޑަކަށް ހަތްދިހަ ވަރަކަށް ރަށުން އެކި ވަރުވަރަށް ގިރަމުންދާކަމުގެ މައްސަލަތައް ރިޕޯޓް ކޮށްފައި. އޭގެތެރެއިން އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންނަށް ވެވުނުހާ ވަރަކުން ސާރވޭޓީމްތައް ފޮނުވައިގެން ކިހާވަރަކަށްތޯ ގިރާފައި ހުރީ މިކަހަލަ ކަންތައް ބަލަމުން. މިދަންނަވާހެން ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރުން އެއްފަހަރާ ހުރިހާ ރަށަކަށް އެޓެންޑް ނުކުރެވޭ. އެހެން ނަމަވެސް އެކަންތައް ކުރަމުން މިދަނީ" މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

މީގެ ކުރިއާ އަޅާބަލާއިރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެންމެ ގިނަ މަސްރޫޢުތައް ހިންގާފައިވަނީ ހިނގަމުންމިދާ ރިޔާސީ ދައުރުގައިކަން މިނިސްޓަރ ތާރިޤް ފާހަގަކުރެއްވިއެވެ. އެންމެ ފަހުން ނިމިގެންދިޔަ ރިޔަސީ ދައުރުގައި ހިންގުނީ 7 ކިލޯމީޓަރގެ ގޮނދުދޮށް ޙިމާޔަތް ކުރެއްވުމުގެ މަޝްރޫޢު ކަމަށާއި ނަމަވެސް މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގައި މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 ކިލޯމީޓަރގެ ގޮނޑުދޮށް ޙިމާޔަތް ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރަށް އިތުރު ރަށްރަށުގައި ސަރވޭކުރައްވައި މަސައްކަތް ފެއްޓެވުމަށް މިހާރު ތައްޔާރުވެވަޑައިގެންފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.