ޚަބަރު

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ރާއްޖެއާއި ޗައިނާ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި

  • ޗައިނާގެ އައު އަހަރު ފާހަގަކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށް

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޗައިނާގެ އައު އަހަރު ފާހާގަ ކުރަނީ ފިނި މޫސުން ނިމި ބަހާރު މޫސުން ފެށުން ފާހަގަކުރުމަށެވެ. ކޮންމެ އަހަރަކަށްވެސް އެ ޤައުމުގެ ސަޤާފަތާއި އެއްގޮތަށް ވަކި ހާއްސަ ނަމެއް ދެއެވެ.

ޗައިނާގެ އައު އަހަރު ފެށުމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ޤައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ޗިއާންގް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އައު އަހަރުގެ ތަހުނިއްޔާ ފޮނުއްވާފައެވެ.

އެމަނިކުފާނު ވަނީ 'އިޔަރ އޮފް ދަ ފަޔަރ ހޯސް' ނަމުން ނަން ދެވިފައިވާ، އަހަރު ޗައިނާއިން މިވޭތުވެދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީއާއި ތަރައްޤީ ދޭހަކޮށްދޭ ކަމަށެވެ. އަދި މި ރަމްޒީ އަހަރުގައި ޝުކުރުވެރިވެ އިތުރަށް ފާހަކުރާނެ ކަންކަން ހުރިކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައްޔިތުންނަށް މުސްތަޤުބަލުގައިވެސް ފާގަތި ދުވަސްތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ، ރާއްޖެއާއި ޗައިނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެ ޤައުމަށްވެސް ފައިދާވާނެހެން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެއެވެ.

ޗައިނާއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން ދިވެހި ރާއްޖެއާއެކު ޤައުމަކުން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާއާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. މިއާއެކު ދެ ޤައުމު ދެމެދުގައި އޮންނަ ގުޅުން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އަކަށް ބަދަލުވެފައެވެ.