ޚަބަރު

ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، 39 ވަކީލުން ޤާނޫނީ ފަންނާ ގުޅިއްޖެ


  • ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، 39 ވަކީލުން ޤާނޫނީ ފަންނާ ގުޅިއްޖެ

  • ބާ ކައުންސިލުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 1,952

  • 533 ވަކީލުންނަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ވަކީލުން

ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނާ 39 ވަކީލުން ގުޅިއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 28 އަންހެނުންނާއި 11 ފިރިހެނުންނެވެ.

މިކަމައްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ވަކީލުންނަށް ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ ފާތިމަތު ފަރްހީޒާއެވެ. މި ހުއްދަ ވަކީލުންނާއި ހަވާލުކޮށްދެއްވައިފައިވަނީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ސްޕްރިމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

އަލަށް ގުޅުނު 39 ވަކީލުންނާއެކު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 1,952 އެވެ. މީގެ ތެރެއިން 533 ވަކީލުންނަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ވަކީލުންނެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސްޕްރިމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވީ، ޤާނޫނީ ވަކީލުކަމަކީ އެންމެ ދުވަސްވީ ޕްރޮފެޝަންކަމަށާއި މިއީ އަސާސީ ޚިދުމަތެއްކަމަށެވެ. ޑރ. މުޙައްމަދު އިބްރާހީމް ވަނީ ވަކީލެއްގެ އެންމެ އިސް ވާޖިބަކީ މުވައްކިލުގެ މަސްލަޙަތު ޙިމާޔަތްކުރުންކަމަށާއި މި މަސައްކަތުގައި ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"މި މަސައްކަތުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވަން. ޕްރޮފެޝަނަލިޒަމްއާއި ސިއްރު ހިފެހެއްޓުމާއި ވަކީލާއި މުވައްކިލުގެ އިމްތިޔާޒުތަކަށް އަބަދުވެސް އިހްތިރާމްކޮށް ދަމަހައްޓައިދިނުން އެދެން." ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބާ ކައުންސިލުގެ ރައީސް ޙުސައިން ސިރާޖް ވިދާޅުވީ ޤާނޫނީ ފަންނުގެ ޤާނޫނީ ތަސައްވަރުކުރާ ވަކީލެއްގެ ހަޤީޤީ ކާމިޔާބީއަކީ ހަމައެކަނި މައްސަލަތައް ކާމިޔާބު ކުރުން ނޫންކަމަށެވެ. އަދި ހަޤީޤީ ކާމިޔާބަކީ، ޢަދުލުއިންސާފު ޤާއިމުކުރުމަށް އެހީވެ، ދޭދޭ ފަރުދުންގެ މެދުގައާއި މުޅި މުޖުތަމަޢުގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ސަގާފަތެއް ބިނާކުރުންކުރުންކަމަށް ސިރާޖް ވިދާޅުވިއެވެ.

"ވަކީލުންގެ ސުލޫކީ އަހުލާގު ހިފެހެއްޓުމަކީ ވަރަށް މުހިންމުކަމެއް. ޚާއްސަކޮށް މުވައްކިލުންގެ މައްސަލަތަކާއި ގުޅުން ހުރި. މުއާމަލާތްތަކާއި ގުޅުން ހުރި މައުލޫމާތު ސިއްރު ހިފެހެއްޓުމާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުން." ސިރާޖް ވިދާޅުވިއެވެ.

2019 ވަނަ އަހަރުން ފެށިގެން، ޤާނޫނީ ފަންނުގެ މެންބަރަކަށް ނުވަތަ ޤާނޫނީ ވަކީލަކަށް ވުމަށްޓަކައި ބާ އިމްތިޚާނުން ފާސްވެ، ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުން ޤާނޫނީ ފަންނުގެ ޤާނޫނުން ލާޒިމުކުރެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުން ކަނޑައަޅާފައިވާ އެންމެހާ ކަންކަން ފުރިހަމަކޮށް، ޤާނޫނީ ފަންނަ ވަނުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިޚާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް ޤާނޫނީ ވަކީލުކަމުގެ ހުވާކުރި 39 ވަކީލުން ޤަނޫނީ ޚިދުމަތުގެ ދާއިރާއަށް ގުޅުމަކީ ޤަނޫނީ ވަކީލުކަމުގެ ހަޔާތުގައި އެ ވަކީލުން ފުރިހަމަކުރާ އެންމެ ފުރަތަމަ މަރުހަލާއެވެ. މިއަށްފަހު ދެން އޮތް މަރުހަލާއަކީ ފުރިހަމަކުރި ޤާނޫނީ ތަޢުލީމުންނާއި ލިބިގެން ދިޔަ ތަމްރީނުތަކުގެ އަލީގައި ޒިންމާދާރުކަމާއި، ޚިދުމަތްތެރިކަމާއި އަދި ޖަވާބުދާރީވުން ހިމެނިގެންދާނެފަދައިން ވަކީލުގެ ކަމުގެ މަސައްކަތް ފެށުންކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.