ފ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އެކަމަށްޓަކައި ފ. ނިލަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފ.ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާއެވެ. މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، އިންޑިއަން ހައި ކޮމިޝަނަރއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަޙްމަދު ސަޢުދީގެ އިތުރުން، އެކުންފުނީގެ އިސްވެރިންނާއި، އެއަތޮޅުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އާރްޓީއެލްގެ ޚިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. އެމްޓީސީސީން ވިދާޅުވީ، ފ. އަތޮޅުގައި ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން މި ނިޒާމަށް އަހުލުވެރި ކުރުވުމަށް ބާއްވާ ހިލޭ ދަތުރުތަކެއް ކަމަށެވެ.
މި އަހުލުވެރި ކުރުވުމުގެ މުއްދަތަށްފަހު، މިމަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށް ދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބަލައިގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ފ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައިވާއިރު، މިއަދު މިވަނީ މި ޚިދުމަތް ދ. އަތޮޅުގައިވެސް ފަށާފައެވެ. އެމްޓީސީސީން ވިދާޅުވީ، މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ، ފ.އަތޮޅުގެ 1 ރޫޓާއި، ދ. އަތޮޅުގެ 2 ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ، ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. އަދި މި ޚިދުމަތް ދިނުމަށް ޖުމުލަ ދެ ފެރީ ބޭނުންކުރާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު، ފ. އަދި ދ. އަތޮޅާއެކު ރާއްޖޭގެ 14 އަތޮޅަކަށް މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ފުޅާވެފައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން އެ ދެ އަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި، އިޖުތިމާޢި ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި އަދި އަރާމުކޮށް ކަނޑުމަގުން ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. 2022 ވަނަ އަހަރު ފެށި މި ޚިދުމަތަކީ، ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދާ ކާމިޔާބު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.