މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ބައްދަލުކުރެއްވީ މުލިއާގޭގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި އެތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތައް ރައީސްއާއި ހިއްސާކުރައްވާފައިވާކަމަށެވެ. އަދި ސަރުކާރުން އެތަންތަނުގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
President Dr @MMuizzu meets with residents of Malé Hiyaa and Sinamalé flats to hear their concerns and engage in meaningful discussions on the Government’s ongoing efforts to enhance living conditions and community wellbeing. pic.twitter.com/1kyXq5y04v
— The President's Office (@presidencymv) February 16, 2026
ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސްވަނީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. ރައީސްވަނީ މާލޭގައި ހުރި ފްލެޓުތަކުގެ މައްސަލަ ހައްލުކުރުމަކީ ސިޓީކައުންސިލްގެ ޒިންމާއެއްކަމުގައިވީނަމަވެސް އެކަން ކައުންސިލަށް ނުކުރެވޭތީ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަ ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސްވަނީ ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން މިފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.