ތަރައްްޤީ

ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ޕްލޭން ހަދަނީ


ބ.އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން، މެނޭޖްމަންޓް ޕްލޭން ނުހަދާ ހުރި ސަރަޙައްދުތައް ބެލެހެއްޓެވުމަށް ޕްލޭން ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒަރވް އޮފީހުން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގައި 10 ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ޔުނެސްކޯއިން ވަނީ ކަނޑައަޅާފައެވެ. މީގެތެރެއިން މެނޭޖްމަންޓް ޕްލޭނެއް ހެދިގެން ބަލަހައްޓަމުން ގެންދަނީ ބ.އަތޮޅު ހަނިފަރު ސަރަޙައްދު އެކަންޏެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ބަޔޮސްފިއަރ ރިޒަރވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، ބ.އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން މެނޭޖްމަންޓް ޕްލޭން ނުހެދި ހުރި ސަރަޙައްދުތައް ބެލެހެއްޓެވުމަށް ހައްދަވަންޖެހޭ ޕްލޭންގެ ޑްރާފްޓްގެ މަސައްކަތް ނިމިފައިވާކަމަށާއި މިއަހަރުގެ ނިމުމުގެ ކުރިން އެއަށް ޢަމަލުކުރައްވަން ފަށްޓަވާނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/14739318955016.jpg|ބ އަތޮޅުން ހިމާޔަތްކޮށްފައިވާ ބަޔޮސްފިޔަ ރިޒާވް

ޝާފީ ވިދާޅުވީ، މި ޕްލޭނާ އެއްގޮތަށް ޢަމަލުކުރަން ފެއްޓެވުމުން އެސަރަޙައްދުތަށް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރިން އަމަލު ކުރަން ފެށޭނެ. ހަނިފަރު ބެލެހެއްޓޭ އުސޫލު މައިގަނޑު އުސޫލަކަށް ބަލާފައި އޮންނާނީ. އެކި ސަރަޙައްދުތަށް ބަލަހައްޓަން ހަމަޖެހިފައިވަނީ، ގޮއިދޫ ވެއްޖިއްޔާ ކައުންސިލާ ޙަވާލުކޮށްގެން އެގޮތަށް'' ޝާފީ ވިދާޅުވިއެވެ.

ބ.އަތޮޅުގެ ދިހަ ސަރަޙައްދެއް ބަޔޮސްފިއަރ ރިޒަރވްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ އޮޅަގިރި، ދިލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ހިމެނެއެވެ. މި ތަންތަނުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަނީ ހަނިފަރު ސަރަޙައްދަށެވެ. މި ސަރަޙައްދުތައް ޙިމާޔަތްކުރަން ނިންމީ ޔުނެސްކޯއިން ސައިންޓިފިކް ދިރާސާކޮށް، ބެލުމަށްފަހުއެވެ. ބ.އަތޮޅު ސަރަޙައްދު، ދުނިޔޭގެ ބަޔޮސްފިއަރ ރިޒަރވްއެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ ދެހާސް އެގާރަވަނަ އަހަރެވެ.