ތިމާވެށި

50 ސަރަޙައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ޤާއިމުކުރަނީ


ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، މޫސުން ލަފާކުރާގޮތް ދުރާލާ ދެނެގަނެ، އެ މަޢުލޫމާތު ޢާއްމުންނާއި ހަމައަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ވަރަށްވެސް ބޭނުންތެރިކަމެކެވެ.

ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް އެއްރަށުން އަނެއް ރަށަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާއިރު، މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ލިބިފައިއޮތުމަކީ ޢާއްމުންގެ ސަލާމަތާ ގުޅިފައިވާކަމެއްވެސްމެއެވެ. އެހެންކަމުން ރާއްޖޭގެ މީޓިއޮރޮލޮޖިކަލް ދާއިރާއަކީ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ ދާއިރާއަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 12 ސަރަޙައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ޤާއިމުކުރައްވާ، މޫސުމާބެހޭ ތަފާތު މަޢުލޫމާތުތައް އެއްކުރެވެމުންދެއެވެ.

img:http://s2.psmnews.mv/images/660x400/14724659564272.jpg|

ރާއްޖޭގެ މީޓިއޮރޮލޮޖިކަލް ދާއިރާ ތަރައްޤީކުރެވުމަށް ގެންގުޅުއްވާ ޕްލޭނާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، 2017 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ 50 ސަރަޙައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ޤާއިމުކުރެއްވުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓް ހޯދުމާއި، ފަންނީގޮތުން ބޭނުންވާ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ޕްލޭނަކީ މިއަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުޅިއަކު 50 އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރެވި، 50 ސަރަޙައްދަކުން އަބަދުވެސް ވަގުތުން ރާއްޖޭގެ މޫސުމާބެހޭ ކަންތައްތައް އިނގެންހުރުން. އޭރުން ކޮންމެ ބޭފުޅަކަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާގެ ވެބް ޕޭޖަކަށް ވަދެވަޑައިގެން ބަލާލެވޭނެ ރާއްޖޭގެ ވަކި ވަކި ސަރަޙައްދުތަކުގެ މޫސުން ކުރިއަށް ލަފާކުރާގޮތް. އެކަމަށް ބޭނުންވާ ފައިސާ ހޯދާ، ޓެކްނިކަލް އެސިސްޓެންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި 2007 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޑޮޕްލަރ ރާޑަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ރާޑަރ އޮޕަރޭޝަނަށް ގެނެއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. ޑޮޕްލަރ ރާޑަރއަކީ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު މަތިންދާބޯޓުތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަރަށް މުހިއްމު ވަޞީލަތެކެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ އެއަރޕޯޓުގައި ޤާއިމްކުރައްވާފައިވާ ޑޮޕްލަރ ރާޑަރ މިހާރު މަރާމާތުކޮށް ނިމިފައިވާކަމަށާއި، އެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ އެމަރޖެންސީ ޖެނެރޭޓަރ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

img:http://s2.psmnews.mv/images/660x400/7295.jpg|އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް / ފައިލް ފޮޓޯ: ޕީއެސްއެމް

"ޑޮޕްލަރ ރާޑަރއަކީ އެއީ ވަރަށް މުހިއްމު އެއްޗެއް އޭވިއޭޝަންގެ މަސައްކަތަށް. މަތިންދާބޯޓު ޖައްސާއިރު އަބަދުވެސް ކުރިއަށްއޮތް ދެތިން ގަޑިއިރުގެ ވެދަރ ފޯކާސްޓް، ރެއިން ފޯކާސްޓް އެއްޗެހި ހޯދުމަށް ވަރަށް މުހިއްމު އެއްޗެއް. މިހާދުވަސްވީއިރު ޑޮޕްލަރ ރާޑަރ ހަލާކުވެފައި ހުރުމުގެ ސަބަބުން އޭގެ ބޭނުން ނުހިފިއޮތީ. އެހެންނަމަވެސް އެރާޑަރ މިހާރު ވަނީ ހަދާނިމި، އެއަށް ކަރަންޓް ގުޅުވުމަށް ބޭނުންވާ އެމަރޖެންސީ ޖެނެރޭޓަރު ހަރުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މިއަހަރުތެރޭ ޑޮޕްލަރ ރާޑަރވެސް އޮޕަރޭޝަނަށް ގެނެވޭނެ" އެމަނިކުފާނު ވިދާޅުވިއެވެ.

ފަންނީ މީހުން އެކަށީގެންވާ ވަރަށް ލިބިފައިނެތުމަކީވެސް ރާއްޖޭގެ މީޓިއޮރޮލޮޖިކަލް ދާއިރާ ތަރައްޤީކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، އެ ދާއިރާއިން މީހުން ތަމްރީންކޮށް، ފަންނީ މުވައްޒަފުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.