ތަރައްްޤީ

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް


ހުޅުމާލެ ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، އަދި އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ފަޅެއް ހިއްކައި އެތަނުގެ ފުރަތަމަ ފިޔަވަހި ތަރައްޤީ ކުރެއްވުމަށްފަހު، މިހާރު ސަރުކާރުގެ ޢަމާޒުއޮތީ ދެވަނަ ފިޔަވަހި ޒުވާނުންނަށް ޚާއްޞަ ކުރައްވައިގެން ތަރައްޤީ ކުރެއްވުމަށެވެ.

ދެވަނަ ފިޔަވަހި ތަރައްޤީ ކުރެއްވުމަށް ޕްލޭން ކުރައްވައި، ޢަމަލީ މަސައްކަތްތައް 2015 ވަނަ އަހަރު ފަށްޓަވާފައިވާއިރު، އެ މަސައްކަތް ހަލުއި ސްޕީޑެއްގައި ކުރިއަށްގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން 15 ހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްތައް މިހާރުވަނީ ކުންފުނިތަކާ ހަވާލުކުރައްވާފައެވެ. އަދި، އެ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 7000 ހައުސިންގ ޔުނިޓްގެ މޮބިލައިޒޭޝަންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕޮރޭޝަނުން ހާމަކުރެއެވެ. 

img:http://s4.psmnews.mv/images/660x400/14645108175091.jpg|އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން- ފޮޓޯ: ޕީއެސްއެމް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މިހާރު އިޢުލާން ކުރައްވާފައިވާ ހައުސިން މަޝްރޫޢުތައް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، 2018 ވަނަ އަހަރުގެ އޮގަސްޓް ހިސާބުގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

"މިހާރު ރޯށް މަސައްކަތް ކުރިއަށްދާއިރު، ހައުސިންގ ޕްރޮޖެކްޓްތައް ހިންގަންޖެހޭ ޒޯންތައް ވަކިކުރެވި ޑިވެލޮޕަރ/ކޮންޓްރެކްޓަރ އެތަނުގައި އެ ތަރައްޤީ ގެންނަށް ކުރަންޖެހޭ މަސައްކަތްތައް އިމީޑިއެޓްލީ ކުރާގޮތަށް މިހާު މިއޮތީ... 15000 ގެ ތެރޭގައި ހިމެނޭ 7000 ގެ ކޮންޓްރެކްޓަރ މިއަހަރު ހަމަގައިމުވެސް ފިޒިކަލް ޑިވެލޮޕްމެންޓް ގެންނަން ފަށާނެ. ދެންވާނީ 5000 ކޮންޓްރެކްޓަރ އަދި ބަކީ ކޮންޓްރެކްޓަރުންވެސް ފަށާނެ."

ސައިމަން ވިދާޅުވި ގޮތުގައި، ފުރަތަމަ ފިޔަވަށްސާއި ޚިލާފަށް ދެވަނަ ފިޔަވަހީގައި އެޗްޑީސީން މަސައްކަތް ކުރަމުންދަނީ، ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދާއިރު، އެއް ވަގުތެއްގައި، ޕެރެލަލްކޮށް ހިންގަންޖެހޭ ތަރައްޤީގެ އެހެން މަޝްރޫޢުތައް ހިންގުމަށްކަމަށެވެ. މި ގޮތުން، މަގު ހެދުމާއި އެކުއެކީގައި ކަރަންޓާއި، ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާއިބެހޭ ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14636741202673.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިން މަތިން ފެންނަ ފޮޓޯއެއް / ފޮޓޯ: ޕީއެސްއެމް

"މަގުހަދާ ނިމޭއިރު މަސައްކަތްކުރަންޖެހޭ ފެނާ ނަރުދަމާ ކަރަންޓާ މި ހުރިހާ އެއްޗެއް އަދި ޓެލެފޯން ކޭބަލް ހުރިހާ އެއްޗެއް.. ކުންފުނިތަކުންދަނީ ތައްޔާރުވަމުން.... ހުރިހާ މަސައްކަތެއް ޕެރެލަލްކޮށްދާނީ.." ސައިމަން ވިދާޅުވިއެވެ. 

ގާތްގަނޑަކަށް ސާޅީސް މިލިއަން ޑޮލަރުގެ މަގު ހެދުމުގެ މަޝްރޫޢު ހިނގަމުންދަނީ އިންޑިއާ އެގްޒިމް ބޭންކްގެ ލޯން އެހީގެ ދަށުންނެވެ. ކޮންމެ ދުވަހަކީވެސް އާ އިންވެސްޓަރުން ހުޅުމާލެއަށް ޒިޔާރަތްކޮށް އިންވެސްޓް ކުރެވޭނެ ފުރުޞަތުތައް ބަލަމުން އަންނަ ދުވަހެއް ކަމަށާއި، އެކި ޤައުމުތަކުގެ އިންވެސްޓަރުން ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ސައިމަން ވިދާޅުވިއެވެ. ދެވަނަ ފިޔަވަހި ތަރައްޤީ ކުރައްވަނީ އެތަނުގައި ކޮމާޝަލް އޭރިއާތަކާއި، ސޯޝަލް އޭރިއާވެސް ހިމެނޭ ގޮތަށެވެ.