ރާއްޖޭގެ އެކި ކޯޓުތަކުން މިދިޔަ އަހަރު ނިމުނުއިރު 20،000 އަށްވުރެ ގިނަ މައްސަލައިގައި ހުކުމް ކޮށްފައިވާކަމަށް އުއްތަަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
"ގަޟާޢީ އަހަރު 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ނިމުނު އަހަރު ޝަރުޢީ ދާއިރާއިން ހޯދި ކާމިޔާބީތަކާއި މިއަހަރަށް ރާވާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން، ކޯޓުތަކުން ޝަރީއަތްތައް ކުރިއަށްގެންދާގޮތް ކުރިއާ އަޅާބަލާއިރު އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ކޯޓުތަކުގައި ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ކަންކަމުގެ ސަބަބުން ދިމާވި ހުރަސްތަކާއެކުވެސް ފަނޑިޔާރުންނާއި މުވައްޒަފުން އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަމުގަތި ސާބިތުކަމާއެކު ތިބިކަމަށެވެ. އެގޮތުން، 2025ގައި ރާއްޖޭގެ އެކި ކޯޓުތަކުގައި 34،242 މައްސަލައިގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް މަސައްކަތް ކުރިއަށްގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިމުނު އަހަރު ރާއްޖޭގެ ކޯޓުތަކުގައި 20،898 މައްސަލަ ރަޖިސްޓްރީކުރިއިރު އެހެން އަހަރުތަކުން 13،351 މައްސަލަ ވާރުތަވި ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މީގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 20،442 މައްސަލައިގައި ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"2025ވަނަ އަހަރު ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓަކީ %107. އަދި 2024 ވަނަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓަކީ %96 ކަމުގައިވާއިރު މިއީ %11 ގެ ކުރިއެރުމެއް ކަމުގައި ފާހަގަކުރަން. އަދި މިއަށްވުރެ ރަނގަޅު ކުރިއެރުމެއް 2026ވަނަ އަހަރު ހޯދުމަށް އަޅުގަނޑުމެން މިތިބީ އަޒުމް ކަނޑައަޅައިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ 1،332 މައްސަލަ ނުނިމި އެބައޮތް ކަމަށެވެ. އެހެންވެ މިއަހަރު އެންމެ އިސްކަމެއް ކޯޓުތަކުން ދޭނީ އެ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމަށް ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އެކި ކޯޓުތަކަށް 21،000 މައްސަލަ ހުށަހެޅޭނެކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާތަނަށް ނުނިމިހުރި މައްސަލަތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް މިއަހަރު ނިންމާލެވޭނެ ކަމަށެވެ.