އަމިއްލަ ފަސްގަނޑާ ދުރުގައި ގާތްގަނޑަކަށް 20 އަހަރު ހުންނަވަންޖެހިވަޑައިގެންނެވި، ޠާރިޤް ރަޙްމާން އެނބުރި ބަންގްލަދޭޝަށް ވަޑައިގެންނެވިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އާންމު އިންތިޚާބުން ތާރީކީ ކާމިޔާބީއެއް ހޯއްދެވުމަށްފަހު، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމާ ގާތަށް ވަޑައިގެންފިއެވެ.
ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ.
ދާދިފަހުން އަވަހާރަވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުން، ޠާރިޤް ރަޙްމާން ސިއްޙީ ފަރުވާއަށް ކަމަށް ވިދާޅުވެ ބަންގްލަދޭޝް ދޫކުރައްވައި ވަޑައިގެންނެވީ 2008ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ އޭރު ހުންނެވީ ޚިޔާނާތުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައެވެ.
ގާތްގަނޑަކަށް 20 އަހަރު ޤައުމުން ބޭރުގައި ހުންނެވުމަށްފަހު އޭނާ އެނބުރި ބަންގްލަދޭޝަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ޒުވާނުން އިސްވެ ކުރި މުޒާހަރާތަކަށްފަހު، ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ވެރިކަން އޯގަސްޓް 2024ގައި ނިމުމަކަށް އައުމާ ގުޅިގެންނެވެ. ޠާރިޤް މިހާރު އިސްކޮށް ހުންނެވި ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އުފެއްދެވީ ބައްޕާފުޅު، ޒިއާއުލް ރަޙްމާނެވެ.
މިހާރު ޢުމުރުފުޅުން 60 އަހަރުގެ ޠާރިޤް ރަޙްމާން ވަނީ، ވަކި ޤައުމަކަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނެސް، މުޅި ދުނިޔެއަށް ހުޅުވާލައިގެން ބަންގްލަދޭޝަށް އިންވެސްޓުމަންޓުތައް ގެނައުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ފަގީރު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންނައުނު އުފެއްދުމުގެ ސިނާއަތަށް ހަމައެކަނި ބަރޯސާވުމުގެ ބަދަލުގައި ބަންގްލަދޭޝްގެ އިޤްތިޞާދު ސިންދަފާތުކުރުމަކީ ވެސް އޭނާ މުޙިންމު ވަޢުދުފުޅެކެވެ.
ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމަށް އޮތް ފުރުޞަތު ހަނިކުރަން، ބޮޑުވަޒީރުގެ މަޤާމުގައި އެއް ބޭފުޅަކަށް ގިނަވެގެން ފަސް އަހަރު ދެ ދަޢުރަށް ލިމިޓުކުރުމަށް ވެސް އޭނާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. ސިޔާސީ ގޮތުން ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން، ޤައުމު ދޫކުރައްވާ ވަޑައިގެންނަވަންޖެހުނު ޙާލަތަށް ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.
ޙަސީނާގެ ވެރިކަމުގައި ޚިޔާނާތާއި ޓެރަރިޒަމް ފަދަ ގިނަ ދަޢުވާތަކެއް ޠާރިޤްގެ މައްޗަށް އުފުލިއެވެ. އަދި 2004 ވަނަ އަހަރު ބޮމެއް ގޮއްވާލައިގެން ޙަސީނާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި، ޠާރިޤް އުމުރަށް ޖަލަށްލާން ވެސް 2018ވަނަ އަހަރުގެ ތެރޭގައި ވަނީ ޙުކުމްކޮށްފައެވެ. ނަމަވެސް، ޣާއިރު ހާޒިރުގައި ހިންގި އެ ޝަރީޢަތްތަކަކީ ސިޔާސީ ދަޢުވާތަކެއްގެ މައްޗަށް ބިނާކޮށް ހިންގި ޝަރީޢަތްތަކެއް ކަމަށް އޭނާ ވަނީ ތަކުރާރުކޮށްވިދާޅުވެފައެވެ. ނަމަވެސް، އެފަދަ އަނިޔާތަކަށްފަހު ވެސް ޠާރިޤްގެ ވިސްނުންފުޅުހުރީ، ޤައުމަށް ހަމަޖެހުން ގެނެސް، ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ހޯދައި ދެއްވުމެވެ. އެކަން ޠާރިޤް ވަނީ ކެމްޕޭނު ތެރޭގައި ޢަމަލުން ވެސް ދައްކުވައި ދެއްވައިފައެވެ. މިގޮތުން، ކެމްޕޭނުގެ ތެރޭގައި އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި، ބަދުބަސްތައް ޢަމާޒު ކުރެއްވުމުގެ ބަދަލުގައި، އޭނާ ގޮވާލައްވާފައިވަނީ އެއްބައިވަންތަ ކަމަށެވެ.
ޠާރިޤް ރަޙްމާން ޤަބޫލުފުޅުކުރައްވާ ގޮތުގައި، ބަންގްލަދޭޝަށް ފާގަތި މުސްތަޤުބަލެއް ހޯދޭނީ، ޑިމޮކްރަސީގެ އުޞޫލުތަކަށް އިޙްތިރާމްކޮށް، ފުރިހަމައަށް ޢަމަލުކޮށްގެންނެވެ.