ތިމާވެށި

ކުނިއަޅާ ފަރާތަކާމެދު ދަނީ ފިޔަވަޅު އަޅަމުން - އީޕީއޭ


މާލޭއާއި އަތޮޅުތަކުގެ ރަށްރަށުގެ މަގުތަކާއި ކުނިއެޅުން މަނާ އެހެން ސަރަޙައްދުތަކަށް ކުނިއަޅާ ފަރާތަކާމެދު ފިޔަވަޅު އަޅަމުން ގެންދަވާކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ. ޤަވާޢިދާ ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތައް ބައްލަވައި އެފަރާތްކާ ޗިޓް ޙަވާލުކުރައްވަމުން ގެންދަވާކަމަށް އެ އޭޖެންސީން ހާމަކުރައްވައެވެ. އަދި މިހާތަނަށް ޗިޓް ޙަވާލުކުރައްވަމުން ގެންދަވަނީ މާލޭގައި ކަމަށާއި ވަރަށް އަވަހަށް އަތޮޅުތެރޭގައިވެސް މިކަން ފަށްޓަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގަވާ އެންވަޔަރަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14696893685934.jpg|ރަށެއްގެ މަގުމަތި ކުނި ކެހުމުގައި އަންހެނުންތަކެއް ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ރަށްތަކަކީ ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވެވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެހެއްޓުމަށްޓަކައި ސަރުކާރުން ގެންދަވަނީ ކޮންމެ ދުވަހަކު މާލެ މަގުތައް ސާފު ކުރައްވަމުންނެވެ. އެހެންނަމަވެސް ބައެއް މީހުން ތަފާތު ވައްތަރުގެ ކުނި ގިނަ އަދަދަކަށް މަގުތައް މައްޗަށް އަޅާފައި ހުންނަށްކަން ފާހަގަކުރެވެއެވެ. img:http://s2.psmnews.mv/images/660x400/14717737843164.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

މިހާރު މަގުމައްޗަށް ކުނިއަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ކުނިއަޅާ ފަރާތްތަކަށް މިހާރު ޗިޓް ފޮނުއްވަމުން ގެންދަވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މަގުތަކަށް ކުނިއަޅާ ފަރާތްތައް ބައްލަވަމުން ގެންދަވާ ކަމަށާއި މާލޭގެ މަގުތައް ރީތިކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެންވަޔަރަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

އަދި ވަރަށް އަވަހަށް މާލެގެ މަގުތަކުގައި ޑަސްބިން ބެހެއްޓެވުމަށް ހައުސިންގ މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ އޭޖެންސީން ވިދާޅުވިއެވެ. މާލެގައިވެސް އަދި އަތޮޅުތަކުގައިވެސް ހުއްދަކުރެވިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނިއުކާލުމަކީ މަނާކުރެވިފައިވާ ކަމެކެވެ. އަދި މި އުޞޫލާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުއްވުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލާޒިމްކުރެއެވެ. img:http://s4.psmnews.mv/images/660x400/14642647848412.jpg|މާޅޮހު ކައުންސިލް މެންބަރ އަބްދުލް މަތީން (ކ)، ކުނި މެނޭޖްކުރާ ސެންޓަރުގައި ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

ދިވެހިންނަކީ، ގޯތިގެދޮރާއި މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ޒަމާނުއްސުރެ އިސްކަން ދެމުން އައި ބައެކެވެ. އަދި ގޯތިގެދޮރާއި އެ ގެއެއްގެ ގޯއްޗާއި އިންވެގެންވާ މަގުތައް ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކުނިކަހައި ސާފުކުރުމާއި އެ ކުނި ނައްތާލުމަކީ ދިވެހިންގެ ރީތި އާދަކާދައާއި ޘަޤާފަތުގެ މުހިންމު ބައެއްވެސްމެއެވެ.

ރާއްޖޭގައި ކުރިން ކުނީގެ ގޮތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ގަސްތަކުން ވެރޭ ފަތާއި މަސްވެރިކަމާއި ގުޅިފައިވާ ކުންޏެވެ. އަދި އެހެންނަމަވެސް މިހާރު ކާބޯތަކެތީގެ ބާވަތްތަކާއި ބައިތަކާއި މި ނޫންވެސް ކުނިވާ ބާވަތުގެ ކުނި ކޮންމެ ދުވަހަކު ގޭބިސީތަކުން އުކާލަންޖެހެއެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅުމަށް ބޭނުންކުރާ ބާވަތްތަކާއި އެ ބާވަތްތައް އުފައްދާފައި ހުންނަ މެޓީރިއަލަށް އައިސްފައިވާ ބަދަލަށް ބަލާއިރު، ފަސޭހައިން ފަނާވެގެން ނުދާ އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ލިބޭ ކުނިވެސް ކޮންމެ ދުވަހަކުހެން ގޭބިސީތަކުން އުކާލަންޖެހެއެވެ. އެހެންކަމުން މިފަދަ ކުނި ރައްކާތެރިކަމާއެކު އުކާލުމަށާއި އަދި ޤަވާޢިދާ ޚިލާފަށް ތަންތަނަށް ކުނިއެޅުމުން ތިމާއަށާއި މުޖުތަމަޢުގެ އެހެން އަފްރާދުންނަށް ޞީއްޙީ ގޮތުންނާއި ތިމާވެށީގެ ގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަން ވަނީ ޖެހިފައެވެ.