ޚަބަރު

ސްޕޯޓްސް ފިޝިން: ވަކި ބާވަތެއްގެ މަސްވެރިކަމަކަށް ބަރޯސާވުން ނިމުމަކަށް


  • ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގެ ބަނދަރުތައް ތަރައްޤީކުރާނެ

  • ކަނދުފަތީގެ ވިޔުގަ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ނުވަތަ ލޭނާރަކީ މަސްވެރިކަމެވެ. މިއީ ކާބަފައިން އުނގަންނައިދިން، ދިވެހިވަންތަކަމާއި ލާމެހިފައިވާ އެންމެ ވަރުގަދަ ސިނާޢަތެވެ. ނަމަވެސް، ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މިސިނާޢަތް އޮތީ އަޅާނުލެވި، ބާކީކޮށްލާފައެވެ. މަސްވެރިންގެ އުދާސްތަކާއި ޝަކުވާތަކަށް ހައްލެއް ނުލިބި، ދާއިރާ އޮތީ ނިކަމެތިވެފައެވެ. އެހެންނަމަވެސް، މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. މި ސަރުކާރުން މިވަނީ މަސްވެރިންގެ އަޑު ގާތުން އަހައި، އެ ސިނާޢަތަށް އައު ދިރުމެއް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ސިންދަފާތުކުރުމާއެކު އިޤްތިޞާދީ އައު ފުރުޞަތުތަކެއް!

މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި ވަކި ބާވަތެއްގެ މަސްވެރިކަމަކަށް ބަރޯސާވެފައި އޮތުމެވެ. މިކަން ބަދަލުކޮށް، މަސްވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ މީގެ ކުރިން އެއްވެސް ވެރިޔަކު ނުގެންގެޅޭ ފަދަ ދުރުވިސްނޭ ސިޔާސަތެކެވެ. މަސްވެރިކަމަކީ ދެމެހެއްޓެނިވި، ފައިދާހުރި އަދި މަސްވެރިންގެ އާމްދަނީ އިތުރުވާނެ ދާއިރާއަކަށް ހެދުމަށް ގެންގުޅުއްވާ ރޭވުންތަކުގެ ވާހަކަތައް ހަަމައެކަނި ދައްކަނީއެއް ނޫނެވެ. މިކަމުގައި ހަގީގީ ކުލަ ޖެއްސުމަށް އަމަލީ ގޮތުން މަސައްކަތްވެސް ކުރައްވައެވެ.

ސަރުކާރުގެ މި ސިޔާސަތު ހާސިލްކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ޒުވާނުންގެ މެދުގައި މަޤުބޫލުވަމުންދާ "ސްޕޯޓްސް ފިޝިންގ" ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަން ފުޅާކުރުމުގެ މަސައްކަތެވެ. އެގޮތުން ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު ހިމެނޭހެން ޚާއްޞަ ސަރަހައްދުތަކެއް މިކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި މިސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.

މި ބަނދަރުތަކަކީ ހަމައެކަނި މަސް ބާނާ ތަންތަނެއް ނޫނެވެ. އެތަންތަނުގައި މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ހިންގާނެ އޮފީސްތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ބާބަކިޔު ހެދުމުގެ އިންތިޒާމްތައްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، މިއީ މަސްވެރިކަމުގެ ތެރެއިން ފަތުރުވެރިކަމާއި ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވޭނެކަމީ ދެބަސްވެވެން ނެތް ޙަޤީގަތެކެވެ.

އެއްވެސް ސަރުކާރަކުން ފުޅާ ނުކުރާވަރަށް ކަނދުފަތީގެ ވިއުގަ ފުޅާކުރި!

މުނިފޫހިފިލުވުމުގެ މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝިންގ ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ކަނދުފައްޗެވެ. އެހެންކަމުން ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެހެން އެެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ގިނަ މަސައްކަތްތަކެއް މި ސަރުކާރުގެ މިވީ މުއްދަތުގައި ކޮށްފައިވެއެވެ. އެގޮތުން، ކަނދުފަތިތަކުގެ ޑިޒައިނަށް ބަދަލުގެނެސް، އޭގެ އުމުރު ދިގުކުރުމަށް ތަފާތު އެކި ދިރާސާތައްކޮށް ކަނދުފަތިތަކުގެ ޑިޒައިންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

"ކަނދުފަތި ކެނޑޭ މިންވަރު މަދުކޮށް، ކަނދުފަތީގެ އުމުރު ދިގުކުރެވޭނެ ގޮތްތައް އިތުރަށް ބަލައި ހޯދައި، ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް އެބަ ކުރަން. ވަދު ކަނދުފައްޗާއި، ދޮށި ކަނދުފަތި އެޅުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު 41 ކަނދުފަތި އަޅައި، މިހާތަނަށް އެއް އަހަރެއްގައި އެންމެ ގިނަ ކަނދުފަތި ޤާއިމުކުރި އަހަރުގެ ގޮތުގައި، 2025 ވަނަ އަހަރު ވެގެން ގޮސްފައިވާކަން ފާހަގަކުރަން." މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އުފައްދާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން، ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ. މި މަރުކަޒުތަކުގެ ސަބަބުން، ކަނދުފަތިތައް ކެނޑުމުން ނުވަތަ ހަލާކުވުމުން މަރާމާތުކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، މަސްވެރިންނަށް މެދުކެނޑުމެއްނެތި މަސްވެރިކަން ކުރުމުގެ ފުރުޞަތު ފަހިވާނެއެވެ.

ދިވެހި މަސްވެރިކަމުގެ ސިނާޢަތް މިއަދު މިސްރާބު ޖަހާފައިވަނީ އުޖާލާ މުސްތަޤުބަލަކަށެވެ. މަސްވެރިންގެ އަޑު މިއަދު ވަނީ އިވިފައެވެ. އަމަލީ މަސައްކަތުން އެކަން މިދަނީ ފެންނަމުންނެވެ. ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، މަސްވެރިންގެ ބައިވެރިވުމާއެކު، މި ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބާރުގަދަ ތަނބަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.