ކުރިޔަށް އޮތްތަނުގައި ވެސް ޗެމްޕިއަންކަން ދިފާއުކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށް 13 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލްގެ ރައުފާ މުހައްމަދު ހާފިޒު ބުނެފިއެވެ.
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ރައުފާ ބުނީ މިއީ އަދި ފެށުމެއް ކަމަށެވެ.
އޭނާ ބުނީ ކުޅެންފެށިތާ އަދިވީ ތިން އަހަރު ކަމަށާއި މި މުބާރާތަށް 3 މަސްދުވަހު ފަރިތަކުރިކަމަށެވެ.
ރައުފާ ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ޝަމްނާ ޝަމޫން އާއި ވާދަކޮށެވެ. އަންހެން ސިންގަލްސްގެ ތިންވަނަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) ގެ އައިމިނަތު ހަލީމް (ދިލް) އެވެ.
މުބާރާތަށް ތައްޔާރުވުމަށް ޔުނައިޑެޓް ބީއެމްއެލް އެޓީމަށް ބޭރުން ގެނައި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށްވެސް ރައުފާ ފާހަގަކުރިއެވެ.
ރައުފާ ވަނީ ބީއެމްއެލަށް ބޭރުން ގެނައި ތިން ކުޅުންތެރިން ވަރަށް ގިނަ ވަގުތު ދިން ކަމަށާއި ބޮޑު އެހީތެރިކަމެއް އެކުޅުންތއރިން ދިންކަމަށެވެ.
ބިލިއާޑް ކުޅެންފެށިންސުރެ އެކުވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް އޭނާ ފާހަގަކުރިއެވެ.
މާލެ ޕޫލް ބިލިއާޑް ހޯލުގައި ކުޅުން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ޓީމު އިވެންޓުތައް ކުރިޔަށްދިޔައީ ފެބުރުވަރީ 3-10 ގެ ނިޔަލަށެވެ.
މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ބީއެމްއެލް، ރައީސް އޮފީސް، އެމްއައިބީ، ސްޓެލްކޯ، އެމްއެންޑީއެފް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސީއާރްސީ، އެމްޕީއެލް، އެސްޓީއޯ، ދިރާގު އަދި ސްޓެލްކޯއެވެ.