ދުނިޔެ

އައިއެސްގެ އިސް ލީޑަރެއް މަރާލާފައިވާކަމަށް އެމެރިކާއިން ބުނެފި


ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓް ޖަމާޢަތެއްކަމަށްވާ އައިއެސްގެ އިސް ލީޑަރެއް މަރާލާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެ ޤައުމުގެ ދިފާޢީ ވުޒާރާ، ޕެންޓެގަންއިން ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި މަރާލާފައިވަނީ ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސްގެ އިސް ލީޑަރެއްކަމަށްވާ ވާޢިލް އާދިލް ޙަސަން ސަލްމާން އަލް ފައްޔާދް ކަމަށެވެ. ޑރ. ވާއިލްގެ ނަމުން މަޝްހޫރު މި މީހާއަކީ، އައިއެސް ޖަމާޢަތުގެ އިންފޮމޭޝަން މިނިސްޓަރުގެ މަޤާމު ފުރަމުންދާ މީހާ ކަމަށާއި، އެ ޖަމާޢަތުން ތައްޔާރުކުރާ ޕްރޮޕެގާންޑާ ވީޑިއޯތައް ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް އުޅޭ މީހަކީ އޭނާ ކަމަށް ޕެންޓެގަންއިން ބުނެއެވެ.

އޭނާ މަރާލާފައިވަނީ ރަޤާގައި ދިން ވައިގެ ޙަމަލާއެއްގައި މި މަހުގެ 7 ވަނަ ދުވަހު ކަމަށް އެ ފަރާތުން ބުނެއެވެ. އަދި، އޭނާއަކީ، މިދިޔަ މަހު އެމެރިކާއިން ދިން ޙަމަލާއެއްގައި މަރާލާފައިވާ އައިއެސް ޖަމާޢަތުގެ އިސް ލީޑަރެއް ކަމަށްވާ އަބޫ މުޙައްމަދު އަލް އަދްނާނީ އާއި ވަރަށް ގާތް މީހެއްކަމަށްވެސް ޕެންޓެގަންއިން ހާމަކުރެއެވެ. މިއީ، ސޫރިޔާ އަދި އިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށްގެން އުޅޭ އައިއެސް ޖަމާޢަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ޤައުމުން ސިފަކުރެއެވެ.